ދުނިޔެ

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދަތުގެ ޑޮކްޓަރުން މަގުމަތީގައި ޓެންޓު ޖަހައިގެން ފަރުވާދެނީ

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދަތުގެ ޑޮކްޓަރުން މަގުމަތީގައި ޓެންޓު ޖަހައިގެން ފަރުވާދެނީ

ޣައްޒާގެ މަގެއްގައި ޓެންޓެއްގައި ހަދާފައިވާ ޑެންޓަލް ކްލިނިކެއް. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2026، 07:16

04 ސެޕްޓެމްބަރު 2026، 07:16

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކާއި ހިސޯރުގެ ސަބަބުން، އިމާރާތްތައް ސުންނާފަތިވެ، ކުލި ބޮޑުވުމާ ގުޅިގެން ޣައްޒާ ސިޓީގައި ދަތުގެ ޑޮކްޓަރުން މަގުމަތީގައި ޓެންޓު ޖަހައިގެން ބަލިމީހުންނަށް ފަރުވާ ދޭން ފަށައިފިއެވެ.

ޣައްޒާ ސިޓީގެ ގޯޅިއެއްގައި ޓެންޓެއް ޖަހައިގެން ޑރ. ރިޒްޤު ސުފްޔާން އަބޫ ހަލީމާ އަންނަނީ ދަތުގެ ކުއްލި ފަރުވާއާއި އޮޕަރޭޝަންތައް ކުރަމުންނެވެ.

އުމުރުން 31 އަހަރުގެ ޑރ. އަބޫ ހަލީމާގެ ކުރީގެ ކްލިނިކް ކަމަށްވާ 'ސްމައިލް ވަން' 2023 ވަނަ އަހަރު ހަނގުރާމައިގެ ކުރީކޮޅު ވަނީ ބޮންއަޅައި ހަލާކުކޮށްލާފައެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ މެއި މަހު އަލް ނަޞްރު ސަރަހައްދުގައި އޭނާ ހެދި އާ ކްލިނިކް ވެސް ވަނީ އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ބިމާ ހަމަވެފައެވެ. ކްލިނިކެއް ހިންގާނެ އެހެން އިމާރާތެއް ނުލިބުމާއި، ލިބެން ހުރި މަދު ތަންތަނުގެ އަގު އަތްނުފޯރާ ވަރަށް އުފުލިފައިވުމުން އޭނާއަށް މަޖުބޫރުވީ ހަލާކުވެފައިވާ އިމާރާތުގެ ކައިރީގައި ޓެންޓެއް ޖަހައިގެން މަސައްކަތް ކުރިއަށް ގެންދާށެވެ.

ޔުނައިޓެޑް ނޭޝަންސް ސެޓެލައިޓް ސެންޓަރު (ޔޫއެންއޯސެޓް) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޣައްޒާ ސިޓީ އާއި އުތުރު ޣައްޒާގެ އިމާރާތްތަކުގެ 80 އިންސައްތައަށް ވުރެ ގިނަ ތަންތަން ވަނީ އެއްކޮށް ސުންނާފަތިވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުން އިސްރާއީލުން މަނާކޮށްފައި އޮތުމުން މަރާމާތު ކުރުން ވެސް ވަނީ ހުއްޓިފައެވެ. މީގެ ސަބަބުން ހަނގުރާމައިގެ ކުރިން މަހަކު 500 ޝެކޭލް (166 ޑޮލަރު) އަށް ލިބެން ހުރި އެޕާޓްމަންޓްތަކުގެ ކުލި މިހާރު ވަނީ ގާތްގަނޑަކަށް 1000 ޑޮލަރަށް އުފުލިފައެވެ.

"އަޅުގަނޑު އެޕާޓްމަންޓެއް ކުއްޔަށް ހިފިނަމަ، ބަލިމީހުންގެ އަތުން ނަގަންޖެހޭ ފީ ދެގުނަ ވާނެ. އެހެންވެ މީހުންނަށް އަގުހެޔޮކޮށް ޚިދުމަތް ދިނުމަށްޓަކައި މިހޫނުގަދަ ޓެންޓުގައި މި މަސައްކަތް ކުރަނީ،" ކަމަށް ޑރ. އަބޫ ހަލީމާ އަލްޖަޒީރާއަށް ވިދާޅުވިއެވެ.

 އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޓެންޓުގައި މަސައްކަތް ކުރި ނަމަވެސް، ސާމާނުތައް ރަނގަޅަށް ސްޓެރިލައިޒްކޮށް ސާފުތާހިރުކަން ދަމަހައްޓައެވެ. އެހެންނަމަވެސް ކަރަންޓު ކެނޑުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އެ ކްލިނިކުގައި މަސައްކަތްކުރާ ނަރުހެއް ކަމަށްވާ ހިބާ ރިހާން ބުނި ގޮތުގައި ސާމާނު މަދުވުމުގެ ސަބަބުން ފަރުވާގެ އަގު ވަނީ ވަރަށް ބޮޑުވެފައެވެ. އަދި ދަތުގައި ފުރާ އަޅަން 350 ޝެކޭލް (116 ޑޮލަރު) ޚަރަދުވާތީ، ފައިސާ ނެތުމުގެ ސަބަބުން 50 ޝެކޭލް (17 ޑޮލަރު) ދީފައި ދަތް އުފުރާލަން އެތައް ބަލިމީހުންނަކަށް ވަނީ މަޖުބޫރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450