ދުނިޔެ
ޣައްޒާއިން ފަލަސްތީނު މީހުން ބޭރުކުރުމަށް އިސްރާއީލުން ހުށަހެޅި ހުށަހެޅުމަށް އެމެރިކާއިން ދެކޮޅުހަދައިފި
ޣައްޒާ
ޣައްޒާގެ ރައްޔިތުން އެ ސަރަހައްދުން ބޭރުކުރުމަށް އިސްރާއީލުގެ އިސް ވެރިން ގޮވާލަމުންދާ ގޮވާލުންތަކަށް، އިސްރާއީލާ ދެމެދު އޮންނަ ޚިޔާލުތަފާތުވުންތައް އާންމުކޮށް ހާމަކުރުމުގައި މަދު ފަހަރަކު ފެންނަ ފަދަ ގޮތަކަށް، އެމެރިކާއިން ދެކޮޅުހަދައިފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ދެއްކެވި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަލްޖަޒީރާއަށް ދިން ބަޔާނެއްގައި ބުނީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ 20 ނުކުތާގެ ސުލްހައިގެ ޕްލޭނަށް ވޮޝިންޓަނުން އަދިވެސް އިހުތިރާމްކުރާ ކަމަށެވެ. އެގޮތުން ޣައްޒާ ދޫކޮށްދިޔުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި، މަޖުބޫރުން މީހުން ބޭރުކުރުމާއި ވަކިކުރުމުގެ އެއްވެސް ހުށަހެޅުމަކަށް އެމެރިކާއިން ތާއީދުނުކުރާ ކަމަށް އެ ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ ކުރިން ކަޓްޒް ވިދާޅުވެފައިވަނީ، ޣައްޒާގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެތަނުގެ މީހުން ހުސްކުރުން ކަމަށާއި، ކަނޑުމަގުންނާއި ވައިގެ މަގުންވެސް ފަލަސްތީނު މީހުން ބޭރުކުރުމުގެ ވިސްނުމަކީ އަބަދުވެސް މަޝްވަރާކުރެވެމުންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވެސް ވަނީ ފަލަސްތީނު މީހުން ފޮށިތަންމަތި ބަނދެގެން އެތަން ދޫކޮށް ދާންވީ ވަގުތު ޖެހިއްޖެ ކަމަށް ބުނެ އެކަމަށް ތާއީދުކޮށްފައެވެ.
އަރަބި ގައުމުތަކުން ވަނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ނެރެލުމަށް ކުރާ ކޮންމެ މަސައްކަތަކާ ވަރުގަދައަށް ދެކޮޅުހަދާފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއާއި އިސްރާއީލުން ޓްރަމްޕްގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެއްބަސްވި ނަމަވެސް، އިސްރާއީލުން ދަނީ އަދިވެސް ޣައްޒާއަށް ބޮންއަޅަމުންނެވެ.
އެމެރިކާގެ ޚާއްސަ މަންދޫބު ޖެރެޑް ކުޝްނާ މިދިޔަ މަހު ހަމާސްގެ އޮފިޝަލުންނާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވި ނަމަވެސް، ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވެފައިވާ ދަނޑިވަޅެއްގައިވެސް ސުލްހައިގެ މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.