ދުނިޔެ
އިސްރާއީލުގެ ޔަހޫދީން ދިން ޙަމަލާއެއްގައި ޣައްޒާގެ ޢާއިލާއެއްގެ 55 މީހުން ޝަހީދުކޮށްލައިފި
ޔަހޫދީން ދިން ހަމަލާއެއްގައި އާއިލާއެއްގެ 55 މީހުން ޝަހީދުވުން - ފޮޓޯ: އަލްޖަޒީރާ
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކުގައި، ރައްކާތެރި ހިސާބަކަށް ބަދަލުވާން ތައްޔާރުވަމުންދިޔަ އެއް ޢާއިލާއަކަށް ނިސްބަތްވާ 55 މީހުން އެއްފަހަރާ ޝަހީދުކޮށްލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ މަލްކާ ޢާއިލާއިން ނިންމާފައި އޮތީ އެ ސަރަޙައްދުގައި ޙާލަތު ގޯސްވަމުންދާތީ، ހެނދުނު 6:00 ގައި އެ ގެ ދޫކޮށް އެހެން ސަރަޙައްދަކަށް ދިއުމަށެވެ. ނަމަވެސް، އެ މީހުން އެސަރަހައްދުން ނިކުތުމުގެ ކުރިން، ފަތިހު 3:00 ހާއިރު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެއްވެސް އިންޒާރަކާ ނުލައި އެ ގެއަށް ބޮންއަޅައި ބިމާހަމަކޮށްފައެވެ. މި ޙަމަލާގައި ޢިމާރާތުގެ ދަށުވެ އެ ޢާއިލާގެ 55 މީހުން ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން، ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގައި ޢިމާރާތްތަކުގެ ކުނިބުނީގެ ދަށުން ފެނުނު 100 އެއްހާ މީހުންގެ ހަށިގަނޑު ވަޅުލުމަށް ޖަމާޢަތުގެ ބޮޑު ޖަނާޒާއެއް ބޭއްވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
އިސްރާއީލުގެ މި އަނިޔާވެރި އުދުވާން ލުބުނާނަށް ވެސް ފުޅާކޮށްފައިވާއިރު، ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ދިން ޙަމަލާތަކުގައި ހަތަރު މީހުން މަރުވެ، ހޮސްޕިޓަލަކަށާއި މާލީ އިދާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ހުޅަނގު އައްސޭރީގައި ވެސް ފަލަސްޠީނުގެ ސްކޫލްތަކަށް ވަދެގަނެ، ޢާންމުން ހައްޔަރުކޮށް ބަޑީގެ ޙަމަލާތައް ދަނީ ދެމުންނެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން މުޅި މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާއިރު، ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތައް ހިނގައި، އަދި ޔަމަނުގައި ޙޫޘީންނާއި ސަރުކާރުގެ ސިފައިންނާ ދެމެދު ވެސް ވަރުގަދަ ހަނގުރާމައެއް ވަނީ އަލުން ފެށިފައެވެ.