ޚަބަރު
ބޭސްފަރުވާއާއި ޕޯޓް މަޝްރޫޢަށް އައި.ޓީ.އެފް.ސީގެ އައު ފެސިލިޓީތަކެއް ހޯދުމަށް މަސައްކަތްކުރަނީ: މާލީ ވަޒީރު
ވަޒީރު އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ
ރާއްޖޭގެ ސިއްހީ ދާއިރާގެ ސަޕްލައި ޗޭން ކަށަވަރުކުރުމުގެ ގޮތުން ބޭސްފަރުވާއަށް ހާއްސަ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް ގާއިމުކުރުމަށާއި، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް އިސްތިރާޖީ އެހީތެރިކަން ހޯދުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއެކު އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އައި.ޓީ.އެފް.ސީގެ ދެވަނަ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ގައުމީ އިގްތިސާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށާއި، ލޮޖިސްޓިކްސްގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި، ގައުމީ ސިއްހީ ސަޕްލައި ޗޭން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު ގައުމީ މަސައްކަތްތަކެއް ކަމަށެވެ.
ރާއްޖެއަކީ ބޭރުން މުދާ އެތެރެކުރުމުގެ މައްޗަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު، އެކަށީގެންވާ ވިޔަފާރި ފައިނޭންސިންގ ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، އެކަށީގެންވާ މާލީ އެހީތެރިކަން ލިބުމަކީ އަސާސީ މުދާ މެދުކެނޑުމެއްނެތް ގޮތެއްގައި އެތެރެކުރުމަށާއި، އެތެރޭގެ ވެލިއު ޗޭންތައް ވަރުގަދަކުރުމުގެ އިތުރުން އޯއައިސީގެ މެންބަރު ގައުމުތަކާއެކު އޮންނަ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.
އައިޓީއެފްސީ އުފެދުނު ހިސާބުން ފެށިގެން، އެ މުއައްސަސާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ވަރުގަދަ ބައިވެރިއެއް ކަމަށާއި ، ރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށް ފޯރުކޮށްދިން މުހިންމު އެހީތެރިކަމާއެކު ފެށުނު ގުޅުން، މިއަދު ވަނީ މައިގަނޑު ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމުގެ އިތުރުން، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފަދަ މުހިންމު ދާއިރާތަކުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ ފުރިހަމަ ޕާޓްނަޝިޕަކަށް ބަދަލުވެފައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި މި ގުޅުމުގެ މައިގަނޑު އަސާސަކީ، 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދޫކުރަމުންދާ ރޯލްއޯވަރ ޓްރޭޑް ފައިނޭންސް ފެސިލިޓީކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ އަސާސީ މުދާ އެތެރެކުރުމަށް ބޭނުންވާ މާލީ ފައިސާ ފޯރުކޮށްދީ، ދައުލަތުގެ ވިޔަފާރިތަކަށް ހަމަޖެހުން ހޯދައިދޭ މުހިންމު ވަސީލަތެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޒަމީރު ވަނީ، އިގްތިސާދީ ގޮންޖެހުންތަކުގެ ވަގުތުތަކުގައި އައި.ޓީ.އެފް.ސީން އަދާކުރި ދައުރަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، އެ މުއައްސަސާއަކީ އެންމެ އިތުބާރުހުރި ތަރައްގީގެ ބައިވެރިއެއް ކަމަށެވެ. އެގޮތުން ކޮވިޑް-19ގެ ދުވަސްވަރު ވެދެއްވި އެހީތެރިކަމާއި، ދުނިޔޭގެ ތެލުގެ އަގުތަކަށް އައި ބަދަލުތަކުން ސަލާމަތްވުމަށް ދޫކުރި 25 މިލިއަން ޑޮލަރުގެ ކުއްލި ފެސިލިޓީ ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ، މި އައު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި މާކެޓް އިތުރަށް ފުޅާކުރުމަށާއި، އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށާއި، އިގްތިސާދު ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ކުރިއަރައިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.