ޚަބަރު
ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ޔަހޫދީން ކުރާ މަސައްކަތް ސަރުކާރުން ކުށްވެރިކޮށްފި
ޚާރިޖީ ވުޒާރާ
ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ޔަހޫދީން ކުރާ މަސައްކަތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވަނީ، ޣައްޒާގެ ރައްޔިތުން އެ ސަރަޙައްދުން ބޭރުކޮށްލުމަށް ގޮވާލައި، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ގަދަކަމުން ނެރެލުމަށް އިސްރާއީލުގެ ވަޒީރުން ދާދިފަހުން ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނު ހިމެނޭ ގޮތަށް، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި އެ ސަރަޙައްދުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަންކަން ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.
އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަޙައްދުގެ އެތެރޭގައި ވިޔަސް ނުވަތަ ބޭރުގައި ވިޔަސް، ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ބޭރުކޮށްލުމަށް ކުރާ ކޮންމެ މަސައްކަތެއް ދިވެހިރާއްޖެއިން އެއްވެސް ޝައްކެއްނެތް މިންވަރަށް ދެކޮޅު ކަމަށާއި، އެއްވެސް ފަރާތަކަށް ނިގުޅައިނުގަނެވޭނެ ޙައްގެއްގެގޮތުގައި އަމިއްލަ ވަޒަނުގައި ތިބުމުގެ ޙައްގު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.
ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގައުމުން ގަދަކަމުން ބޭރުކުރުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވުމަށާއި، އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް، ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް ވަނީ ގޮވާލައްވާފައެވެ.
އަދި ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ތިބިކަން އަލުން ކަށަވަރުކޮށްދޭ ކަމަށް މި ބަޔާނުގައިވެއެވެ.1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން މިބަޔާނުގައިވަނީ ތަކުރާރުކުރައްވާފައެވެ.