ދުނިޔެ
އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 11 މީހުން ޝަހީދުވެއްޖެ
ޣައްޒާގެ ހަލާކުވެފައިވާ ސަރަހައްދެއް.
އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ ކުޑަކުދިންނާއި ސިއްހީ ހިދުމަތްތެރިން ހިމެނޭހެން މަދުވެގެން 11 މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނި ގޮތުގައި، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދެކުނު ލުބުނާނުގެ ކްފާރު ރިމާން އަވަށުގެ މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފައިވެއެވެ. މި ހަމަލާގައި ދެ ކުޑަކުދިން ހިމެނޭހެން ނުވަ މީހުން ޝަހީދުވެ، ފަސް މީހުން ޒަހަމްވިއެވެ. މީގެ އިތުރުން، އެ އަވަށުގައި ދަތުރުކުރަމުންދިޔަ އާންމު ވެހިކަލަކަށް ޑްރޯން ހަމަލާއެއްދީ، ކާރުގައި ތިބި ދެ ޕެރާމެޑިކުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ. އަދި ދައިރު އަލްޒަހްރާނީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެސް އިސްރާއީލުން ވަނީ ރޭގަނޑުގެ ވަގުތެއްގައި ބޮންއަޅާފައެވެ.
މި ހަމަލާތައް ދީފައި މިވަނީ ނަބަތިއްޔާ ޑިސްޓްރިކްޓްގެ އަރަބް ސަލީމް އަވަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ހަތް މީހުން މަރުވެ، 20 މީހުން ޒަހަމްވިތާ އެއް ދުވަސް ފަހުންނެވެ. އެމެރިކާ މެދުވެރިވެގެން ޖޫން މަހު އެކުލަވާލި އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ހަމަލާތައް ކުރިއަށްގެންދާއިރު، ދެކުނު ލުބުނާނުގެ އަވަށްތަކުން އިސްރާއީލު ސިފައިން ފޭބުމަށް ދަނީ ދެކޮޅު ހަދަމުންނެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާޗު މަހުގެ ކުރީކޮޅުން ފެށިގެން ހަމަނުޖެހުންތައް އިތުރުވި ފަހުން އިސްރާއީލުގެ ހަމަލާތަކުގައި 4,350 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 12,300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އެމްބިއުލާންސް ކްރޫތަކަށް ދިން 179 ހަމަލާއެއްގައި 135 ސިއްހީ ހިދުމަތްތެރިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.