Ads by Farudhun

ޚަބަރު

ސެޕްޓެންބަރު 13 ގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅާނެ

ސެޕްޓެންބަރު 13 ގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅާނެ

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މޮޑެލް ފޮޓޯއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2026، 08:54

07 ސެޕްޓެމްބަރު 2026، 08:54

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމައިފިއެވެ. އެގޮތުން އަންނަ ސެޕްޓެންބަރު މަހުގެ 13 ވާ އާދީއްތަ ދުވަހުގެ ހަވީރު އެ މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދަވަން ނިންމަވާފައިވާ ބައެއް މުހިންމު ކަންކަން ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ އިތުރަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ އާންމު ތަންތަނާއި މައި މަގުތަކުގައި ޛިކުރާއި ހެޔޮ ނަސޭހަތް ފެންނަ ބޯޑުތައް ހަރުކުރުމުގެ އެއް އަހަރު ދުވަހުގެ މަޝްރޫއެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވިއެވެ.

ވަޒީރު ޑރ. ޝަހީމް ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ހާމަކުރެއްވި ގޮތުގައި، ހުޅުމާލޭގައި ބިނާކުރާ މި މިސްކިތުގައި ގިނަ ވަސީލަތްތަކެއް ހިމެނޭނެއެވެ. އެގޮތުން މިސްކިތުގެ ނަމާދުކުރާ މައި ހޯލުގެ އިތުރުން ތައުލީމާއި ސަގާފަތާއި އިޖުތިމާއީ ކަންކަމަށް ހާއްސަ މަރުކަޒަކާއި، އިމާމުންނާއި އިދާރީ ކަންކަމަށް ހާއްސަ އޮފީހަކާއި، އިސްލާމީ ލައިބްރަރީ އަދި ސަގާފީ މަރުކަޒެއް ހުންނާނެއެވެ. މީގެއިތުރުން ޤުރުއާން މިއުޒިއަމަކާއި، މަލްޓިޕާޕޯސް ކޮމިއުނިޓީ ހޯލަކާއި، ޒިޔާރަތްކުރާ މީހުންނަށް ހާއްސަ ސަރަހައްދެއްގެ އިތުރުން އިސްލާމިކް ބުކްޝޮޕަކާއި، ގިފްޓް ޝޮޕް އަދި މައުރަޒު ބޭއްވުމަށް ހާއްސަ ހޯލެއްވެސް ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ހިސާބުގައި ތަރައްގީކުރާ މި މިސްކިތް އެޅުމަށް ބޭނުންވާ ބިން ރަސްމީކޮށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކުރީ ފާއިތުވި ޖޫން މަހުގައެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އެ ވުޒާރާއިން ވަނީ ސައުދީ އަރަބިއްޔާގެ އައްރަޖްޙީ ކުންފުންޏާއެކު ހާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް އިއުލާނުކުރައްވާފައިވާ މި ބޮޑު މިސްކިތުގެ މަސައްކަތް ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ގުޅުވައިގެން ފެށިގެންދާއިރު، މި ސަރަހައްދުގައި ކީރިތި ޤުރުއާނުގެ މައުރަޒަކާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450