ދުނިޔެ
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ކުޑަކުދިން ހިމެނޭހެން ފަސް މީހުން ޝަހީދުވެއްޖެ
ޣައްޒާގައި ޝަހީދެއްގެ ހަށިގަނޑު އުފުލަނީ
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އިއުލާނުކޮށްފައި އޮތް ނަމަވެސް، އިސްރާއީލުން ދިން ހަމަލާތަކެއްގައި ދެ ކުޑަކުދިން ހިމެނޭހެން ފަސް މީހުން ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައު ދިރާސީ އަހަރު ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ސްކޫލަށް ބޭނުންވާ ސާމާނު ގަނެގެން ދަތުރުކުރި ވެހިކަލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އުމުރުން ހަތް އަހަރުގެ ވަފާ އަޤީލާ އާއި އޭނާގެ ބައްޕަ ވަނީ ޝަހީދުވެފައެވެ. އަދި އޭގެ މަދު ގަޑިއިރުތަކެއް ފަހުން، ދީރުލް ބަލަޙްގައި ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުންދިޔަ ސަކީނާ ސްކޫލަށް އިސްރާއީލުން ދިން އާޓިލަރީ ހަމަލާއެއްގައި، ގްރޭޑް އެކެއްގެ ދަރިވަރެއް ކަމަށްވާ ސަޢުދީ ޣާލިޔާ ވެސް ވަނީ ޝަހީދުވެފައެވެ.
މި ހަމަލާތައް ކުށްވެރިކޮށް ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުދިން އައު ދިރާސީ އަހަރަށް ތައްޔާރުވަމުންދާއިރު، ޣައްޒާގެ ކުދިން ކުރިމަތިލާން ޖެހިފައިވަނީ މަރާއި ނެތިކޮށްލުމުގެ ނުރައްކަލާ" ކަމަށެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން ފަސް ފަލަސްތީނު މީހުން ޝަހީދުވެ، 30 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މީގެ ކުރިން ދިން ހަމަލާތަކުގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދެ މީހަކު ވެސް ވަނީ މަރުވެފައެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އައުމަށްފަހު ވެސް، މަދުވެގެން 1،352 މީހުން ޝަހީދުވެ، 4،511 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ފެށި ނަސްލުހޭދަކުރުމުގެ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 73،658 ފަލަސްތީނު މީހުން ޝަހީދުވެ، 174،622 މީހުން ވަނީ ޒަޚަމްވެފައެވެ.