Ads by Farudhun

ޚަބަރު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން. ފޮޓޯ: ސިއްހީ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ސެޕްޓެމްބަރު 2026، 09:24

08 ސެޕްޓެމްބަރު 2026، 09:24

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 79 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ޓިމޯ ލެސްޓޭގެ ވެރިރަށް ޑިލީގައި އިއްޔެ ފަށައިފިއެވެ.

މި މަހުގެ 7 އިން 10  އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ  ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 10 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެއް ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި އަހަރު ބާއްވާ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށާއި، ވަކި ހާއްސަ ފަރުވާތައް އެންމެންނަށް ހަމަހަމަ ގޮތެއްގައި ލިބިދެވޭނެ މަގުފަހިކުރުމާ ބެހޭގޮތުން ސަރަހައްދުގެ ސިއްހީ އިސްވެރިންގެ މެދުގައި ބާއްވާ ހާއްސަ "ރައުންޑް ޓޭބަލް" މަޝްވަރާ ބައްދަލުވުން އޮންނާނީ 08 ސެޕްޓެންބަރު 2026 ގައެވެ.

މީގެ އިތުރުން، މި ދާއިރާއިން ކުރިއަށް އޮތް ތަނުގައި ފިޔަވަޅުތައް އެޅުމަށް މަގުދައްކައިދޭ "ޑިލީ ޑެކްލަރޭޝަން އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު: އިކުއިޓީ އިން ސްޕެޝަލައިޒްޑް ކެއަރ" ގެ ނަމުގައި ހާއްސަ ގަރާރެއް ވެސް މި ބައްދަލުވުމުގައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، މި ބައްދަލުވުމުގެ ތެރެއިން ސަރަޙައްދީ ފެންވަރުގައި ދިމާވާ ޞިއްޙީ ގޮންޖެހުންތަކާ ބެހޭގޮތުން ބައިވެރިވާ ޤައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުން އޮންނާނެއެވެ. އެގޮތުން އެންމެންނަށް ޞިއްޙީ ޚިދުމަތް ކަށަވަރުކޮށްދިނުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ޞިއްޙީ އަމާޒުތަކާއި، ކެއްސުންބަލި (ޓީ.ބީ) ގެ އިތުރުން މެޑިކަލް ޑިވައިސްތަކާއި، އިންވިޓްރޯ ޑައިގްނޮސްޓިކްސްއާއި، ޑިޖިޓަލް ހެލްތާއި އާޓިފިޝަލް އިންޓެލިޖެންސް އަދި އަސާސީ ޞިއްޙީ ޚިދުމަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ.

މީގެއިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކުރިއަށް ރާވާފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި، ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީގެ އިތުރުން އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުންތަކާ ގުޅޭގޮތުން ވެސް ވާހަކަދެކެވި، އެ ބައްދަލުވުންތަކަށް މި ސަރަޙައްދުގެ ޤައުމުތަކުން ހުށަހަޅާނެ މުހިންމު ކަންކަން ނިންމާނެއެވެ.



މި ބައްދަލުވުމުގައި ބާއްވާ ޚާއްޞަ ސެޝަނެއްގައި ސައުތު އީސްޓް އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރަކު އައްޔަންކުރުމާ ބެހޭގޮތުން ވާހަކަދެއްކުމަށް ވަނީ ތާވަލުކުރެވިފައެވެ. މިގޮތުން، މި ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރުކަމުގެ މަޤާމަށް ރާއްޖޭގެ ފަރާތުން ބޭފުޅަކު ނޮމިނޭޓްކުރުމާ ގުޅޭ މުހިންމު މަޝްވަރާތައް މި ބައްދަލުވުމުގައި ކުރިއަށްދާނެ ކަމަށް ވެސް ވުޒާރާއިން ވިދާޅުވެއެވެ.

މި އަހަރު ބާއްވާ ބައްދަލުވުމުގެ އަރިމަތީގައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޙާލަތު ރަނގަޅުކުރުމުގެ މަޤްޞަދުގައި އެކި ޤައުމުތަކާއެކު ވަކިވަކި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު އަމާޒަކީ ޞިއްޙީ ޚިދުމަތްތެރިންގެ ފެންވަރު މަތިކުރުމަށާއި، ޢާންމު ޞިއްޙަތު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން މުޅި ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވާހަކަދެއްކުން ކަމަށް ވުޒރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450