ޚަބަރު
އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފި
މާލެ ޕޯޓު. ފޮޓޯ: އިންޓަނެޓް
ހއ. އުލިގަމު ޔޮޓް މެރީނާ ތަރައްޤީކޮށް، ހިންގައި އަދި ވިޔަފާރި އުސޫލުން ބޭނުންކުރުމަށް، ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހުޅުވާލައިފިއެވެ.
އެ ކުންފުނިން ނެރެފައިވާ އިއުލާނުގައި ވަނީ، މެރީނާ އޮޕަރޭޓަރުންނާއި، ހޮސްޕިޓަލިޓީ ޑިވެލޮޕަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުން، އަދި އިންޓަގްރޭޓެޑް ޑެސްޓިނޭޝަން ޑިވެލޮޕަރުންނަށް މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އުލިގަމު ޔޮޓް މެރީނާއަކީ ރާއްޖޭގެ އުތުރުގައި މެރިޓައިމް ޓޫރިޒަމް ފުޅާކުރުމަށާއި އިޤްތިޞާދު ސިންދަފާތު ކުރުމަށް އެހީތެރިވެދިނުމަށް އެމްޕީއެލްއިން ގެންގުޅޭ ދިގު ރާސްތާގެ ސްޓްރެޓެޖީގެ މުހިންމު ބައެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މި މަޝްރޫޢަށް ހޮވޭ ފަރާތަކީ މާސްޓަރ ޑިވެލޮޕަރ އަދި މެރީނާ އޮޕަރޭޓަރުގެ ދައުރު އަދާކުރާނެ ފަރާތެކެވެ. އެ ފަރާތުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި އެއްގަމުގައި ޤާއިމުކުރެވޭ އެންމެހައި ވަސީލަތްތަކަށް އިންވެސްޓްކޮށް ތަރައްޤީކުރުމާއި، ޞިއްޙީ، ރައްކާތެރިކަމުގެ، ތިމާވެށީގެ އަދި ގުޅުންހުރި އެންމެހައި ޤަވާޢިދުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ޢަމަލުކުރުން ކަށަވަރުކުރުން ހިމެނެއެވެ.
މި މަސައްކަތުގެ ވިޔަފާރި އޮނިގަނޑު އެކުލަވާލުމުގައި ބަލާނެ މޮޑެލްތަކުގެ ތެރޭގައި، ތަރައްޤީކުރުމުގެ ޒިންމާތަކާއެކު ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ އުޞޫލު (ލޯންގް-ޓާމް ލީސް) ނުވަތަ ބިލްޑް-ޓްރާންސްފަރ-އޮޕަރޭޓް (ބީ.ޓީ.އޯ) އަދި ބިލްޑް-އޮޕަރޭޓް-ޓްރާންސްފަރ (ބީ.އޯ.ޓީ) ގެ ބައިތައް ހިމެނޭ ކޮންސެޝަން މޮޑެލް ހިމެނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ޕީޑީއެފް ފައިލެއްގެ ގޮތުގައި [email protected] އަށް މެއިލްކުރެއްވުމަށް އެޕީއެލްއިން ވަނީ އެދިފައެވެ. މެއިލްކުރުމުގެ ސުންގަޑިއަކީ 21 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ 14:00 އެވެ. އަދި މި ކަމާއި ގުޅޭ އެއްވެސް ސުވާލެއްވާ ނަމަ، ހަމަ އެ މެއިލަށް ފޮނުއްވުމަށް ވަނީ އެދިފައެވެ.