ޚަބަރު
އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން އިމާރާތް ހުޅުވައިފި
އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން އިމާރާތް ހުޅުވުން. ފޮޓޯ: ފުލުހުން
އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
7 އޮގަސްޓު 2026 ވަނަ ދުވަހުގެ ރޭ މިކަމަށް ޓަކައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އިމާރާތް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސަދަން ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި، ސައުތު ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއަކީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތުގެ މާހައުލު އިތުރަށް ރަނގަޅުކުރުމުގެ ބޭނުމުގައި ހިންގުނު މަޝްރޫއެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ޕޮލިސް އެކޮމޮޑޭޝަން އިމާރާތަކީ 40 މީހުންގެ ޖާގައިގެ އިމާރާތެއް ކަމަށާއި، މި އިމާރާތުގައި ރަނގަޅު ފެންވަރުގެ އެކޮމޮޑޭޝަން ވަސީލަތްތަކުގެ އިތުރުން، އިދާރީ އަދި އާންމު ހިދުމަތްތަކަށް ހާއްސަ ބައިތައް ވަނީ ހިމަނާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ކޮމާންޑަށް ބޭނުންވާ އޮފީސް ޖާގައާއި، ބައްދަލުވުންތަކަށް ހާއްސަ ކޮންފަރެންސް ރޫމަކާއި، ކޮމަން އޭރިއާތައް ވެސް ހިމެނެއެވެ.
ތިން ފަންގިފިލާގެ މި އިމާރާތް ފުރިހަމަކޮށްފައިވަނީ ފުލުހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށް ބޭނުންވާ އެންމެހައި ފަރުނީޗަރާއި އެހެނިހެން އަސާސީ ވަސީލަތްތަކާއި ވެސް އުކުގައި ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ޑިވެލޮޕްމަންޓް ޓީމުން މި މަޝްރޫއުގެ އާކިޓެކްޗަރަލް ޑިޒައިން ނިންމާފައިވަނީ 2022 ވަނަ އަހަރުގައެވެ. އަދި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2023 ޖަނަވަރީ 8 ގައެވެ. މީގެއިތުރުން، 2023 ޖަނަވަރީ 15 ގައި މަސައްކަތުގެ ސައިޓް ހަވާލުކުރެވި، އަމަލީ މަސައްކަތްތައް ރަސްމީ ގޮތުން ފަށާފައިވަނީ 2023 ފެބުރުވަރީ 14 ގައެވެ.
ހިތަދޫގައި ގާއިމުކުރެވުނު ޕޮލިސް އެކޮމޮޑޭޝަން އިމާރާތް ހުޅުވިގެން ދިއުމަކީ، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި މަސައްކަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ފެންވަރާއި މަސައްކަތުގެ މާހައުލު ފުރިހަމަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ އުމްރާނީ ވަސީލަތްތައް ފުޅާކުރުމަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.