ޚަބަރު
އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި
ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިންތަކެެއް. ފޮޓޯ: ސަން
މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކުގައި އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 73.5 އިންސައްތައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.4 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ޖުމްލަ 1,067,310 ފަތުރުވެރިންނެވެ.
ރިސޯޓުތަކުގައި އެންމެ ގިނައީ އިނގިރޭސިވިލާތާއި ރަޝިއާ ފަތުރުވެރިން
ރިސޯޓުތަކުގައި އެންމެ ގިނަ އަދަދަކަށް ޗުއްޓީ ހޭދަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެގޮތުން އެ ޤައުމުން ރާއްޖެއައި ފަތުރުވެރިންގެ 87.6 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ދެވަނައަށް ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ ރަޝިއާގެ ފަތުރުވެރިންނެވެ. އެ ޤައުމުން އައި ފަތުރުވެރިންގެ 82.5 އިންސައްތަ މީހުން ވަނީ ރިސޯޓުތަކުގައި މަޑުކޮށްފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާއިން 271,987 ފަތުރުވެރިން، ރަޝިއާއިން 212,927 ފަތުރުވެރިން، އިނގިރޭސިވިލާތުން 112,399 ފަތުރުވެރިން، އިޓަލީވިލާތުން 94,045 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 89,980 ފަތުރުވެރިންނެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 321,327 ފަތުރުވެރިންނެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގައި މިވަގުތު 1,266 ތަނެއް ހުޅުވާފައިވާއިރު، މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ އަކީ 67,678 އެވެ.