ޚަބަރު
އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަނުގެ ތެރެއިން.
އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަން ކުރިއަށް ދާނީ 7 ސެޕްޓެމްބަރ 2026 އިން 7 އޮކްޓޫބަރ 2026 ގެ ނިޔަލަށެވެ.
މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އ.ދ.ގެ ހައިކޮމިޝަނަރ ފޯރ ހިއުމަން ރައިޓްސް ވޮލްކަރ ޓާރކް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގައި ކުރެވެމުންދާ މަސައްކަތްތަކާއި މިހާރުގެ ޙާލަތާ ގުޅޭ ރިޕޯޓެއް ވަނީ ހުށައަޅުއްވާފައެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ތަފާތު އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖޭގެ ވަފުދުން ޤައުމީ ބަޔާން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ތަރައްޤީއަށް އޮތް ޙައްޤާ ބެހޭ ސްޕެޝަލް ރެޕަޓުއަރ އާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްއާއި، މިޔަންމާއާ ގުޅޭ އިންޑިޕެންޑެންޓް އިންވެސްޓިގޭޓިވް މެކޭނިޒަމާއި، ފަލަސްޠީނުގައި ހިންގަމުންދާއިންސާނީ ކާރިޘާ އާއި ގުޅޭ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ތަޤުރީރު ދިނުމަށް ހަމަޖެހިފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓުގެ މައްޗަށް އަލިއަޅުވާލައި ބާއްވާ އިންޓަރެކްޓިވް ޑައިލޮގުގައި ވެސް ދިވެހިރާއްޖެއިން ބަޔާން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސެޝަންގެ ތެރޭގައި ރާއްޖެ މެންބަރުކަން އަދާކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތައް ކަމުގައިވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި، ޖެނީވާގައި އުފައްދާފައިވާ ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ނުރަސްމީ ގްރޫޕުން ނެރޭ ގުޅިފައިވާ ބަޔާންތަކުގައި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖެއިން ކޯސްޕޮންސަރކޮށް އެއްބާރުލުން ދޭނެއެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. މީގެއިތުރުން، މި ޓީމުގައި ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ރަޔާހީން އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އ.ދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. މި މަޖިލީހުގައި ހިމެނެނީ 47 މެމްބަރުންނެވެ. ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުކަމުގެ ދައުރު 2025 ވަނަ އަހަރު ހަމަވެފައިވީނަމަވެސް، މި މަޖިލީހުގައި ކުރަމުންދާ މަސައްކަތް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.