ދުނިޔެ

އިސްރާއީލް ސިފައިން ނާބުލުސް ކައިރިން ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށް، ހަށިގަނޑު ހިފަހައްޓައިފި

އިސްރާއީލް ސިފައިން ނާބުލުސް ކައިރިން ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށް، ހަށިގަނޑު ހިފަހައްޓައިފި

ހުޅަނގުއައްސޭރީގެ ސަރަހައްދެއްގައި އިސްރާއިލް ސިފައިން ހަތިޔާރާއެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2026، 06:08

08 ސެޕްޓެމްބަރު 2026، 06:08

ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގެ ދެކުނުގައި އޮންނަ އަޤްރަބާ އަވަށުގައި އިސްރާއީލް ސިފައިން ބަޑިޖަހައި 29 އަހަރުގެ ފަލަސްތީނު މީހަކު ޝަހީދުކޮށްލުމަށްފަހު އޭނާގެ ހަށިގަނޑު ހިފަހައްޓައިފި ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފިއެވެ.

އަންގާރަ ދުވަހު ޝަހީދުކޮށްލާފައިވަނީ ޢަބްދުލްކަރީމް މުޙައްމަދު ސާލިމް ޚަޟަރެވެ. އޭނާ ޝަހީދުކޮށްލީ އިސްރާއީލް ސިފައިން އޭނާ ދިރިއުޅޭ ގެ ވަށައިލުމަށްފަހު، އެންޓި-ޓޭންކް ރައިފަލް ގްރެނޭޑް ބޭނުންކޮށްގެން އެ ގެއަށް ހަމަލާދީގެންނެވެ. ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލް ސިފައިން ވަނީ ބުލްޑޯޒަރު ބޭނުންކޮށްގެން އެ ގޭގެ ބައެއް ބައިތައް ތަޅާލާފައެވެ. ނަމަވެސް އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ މަރާލީ ސިފައިންނަށް ހަމަލާދޭން އުޅުނު ހަތިޔާރުއެޅި މީހެއް ކަމަށެވެ.

މީގެއިތުރުން، އަންގާރަ ދުވަހުގެ ފަތިހު އިސްރާއީލް ސިފައިން ވަނީ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ފުޅާ ދާއިރާއެއްގައި ވަދެގެންފައެވެ. އޭގެ ތެރޭގައި އިރުމަތީ ޤުދުސްގެ އަނާތާ އަވަށާއި ޝުއުފާތު ރެފިއުޖީ ކޭމްޕުގެ އިތުރުން ހެބްރޮން ކައިރީގައިވާ ދޫރާ ހިމެނެއެވެ. ދޫރާ އަދި ހެބްރޮން ސަރަހައްދުން އިސްރާއީލް ސިފައިން ވަނީ ފާއިޒް އަލްޖަބަރީ އާއި އޭނާގެ ދަރިފުޅު އަދި ކުރިން ޖަލުން ދޫކޮށްލާފައިވާ ދެ މީހުން ކަމަށްވާ އައްޔޫބް އަލްޢަވާވްދާ އަދި މުންތަޞިރު ޝަދީދު ހިމެނޭހެން މަދުވެގެން 10 މީހަކު ހައްޔަރުކޮށްފައެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ބުނި ގޮތުގައި ހެބްރޮންގެ ދެކުނުގައިވާ މަސާފިރު ޔައްތާގެ ޚައްލަތުއްދަބަޢު އަވަށުގައި ގެތައް ތަޅާލުމުގެ މަސައްކަތްވެސް އިސްރާއީލް ސިފައިން ވަނީ ފަށާފައެވެ. ހަމައެއާއެކު ޝުއުފާތާއި އަނާތާއަށް ވަދެނިކުމެވޭ ހުރިހާ މަގުތަކެއް ބަންދުކޮށް، އާންމުން ދަތުރުފަތުރު ކުރުން ވަނީ މަނާކޮށްފައެވެ.

ޤުދުސްގެ ގަވަރުނަރު އަދުނާން ޣައިޘް ވިދާޅުވީ އަނާތާއަށް ދެމުންދާ ހަމަލާތަކަކީ އިރުއުތުރު ޤުދުސް ބަންދުކޮށް ހިސާރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ. އަދި ޒަޚަމްވި މީހުން ކައިރިއަށް އެމްބިއުލާންސްތައް ދިއުމަށް އިސްރާއީލު ސިފައިން ހުރަސްއަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އަނާތާގެ މައި ފެން ހޮޅިތައް ބުލްޑޯޒަރު ބޭނުންކޮށްގެން ހަލާކުކޮށްލުމުގެ ސަބަބުން ރައްޔިތުންނަށް ފެން ލިބުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450