ދުނިޔެ
ތެލުގެ އަގު އަނެއްކާވެސް އުފުލި، ތެޔޮ އިގްތިސާދު ކުރުމަށް އީރާނު ސަރުކާރުން އިލްތިމާސްކޮށްފި
އިރާންގެ ޕެޓްރޯލް ވިއްކާ ތަނެއް.
ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ގޮސް، ސަބްސިޑީ ދިނުމަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އީރާނުގެ ސަރުކާރުން އަނެއްކާވެސް ޕެޓްރޯލުގެ އަގު ބޮޑުކޮށްފިއެވެ.
މިއީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެ ގައުމުގައި ތެލުގެ އަގު އުފުލި ދެވަނަ ފަހަރެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮންމެ މީހަކަށް ކަނޑައެޅިފައިވާ ފުރަތަމަ 110 ލީޓަރަށް ތެލުގެ އަގު ބަދަލެއް ނާންނާނެއެވެ. ނަމަވެސް އެ މިންވަރަށް ވުރެ އިތުރަށް ތެޔޮ އަޅާ ފަރާތްތަކަށް ލީޓަރެއްގެ އަގު ވަނީ 50،000 ރިއާލުން 100،000 ރިއާލަށް ދެގުނަ ބޮޑުކޮށްފައެވެ. ދުނިޔޭގައި އެންމެ އަގުހެޔޮކޮށް ތެޔޮ ލިބޭ އެއް ގައުމަކީ އީރާން ކަމުގައި ވިޔަސް، އެމެރިކާއާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ހާލަތާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން އީރާނުގެ ބަނދަރުތައް އެމެރިކާ ސިފައިން ހިސާރުކުރުމާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ތެލުގެ ސަބްސިޑީއަށް ބަދަލު ގެނައުމަށް އީރާނުގެ އޮފިޝަލުން އައީ ވިސްނަމުންނެވެ.
އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޤާލީބާފް މިމަހު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވިދާޅުވީ، "އަޅުގަނޑުމެން ރަނގަޅު ގޮތުގައި ބޭނުންކުރާނަމަ، ގައުމުގައި އުފައްދާ ޕެޓްރޯލުން ފުދޭނެ،" ކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ، "ސާފުވާން އޮތް ކަމަކީ އަޅުގަނޑުމެން ތެޔޮ ބޭނުންކުރުމުގައި އިގްތިސާދު ކުރަން ޖެހޭކަން. ހަމަކަށަވަރުން މިހާ ގިނައިން ތެޔޮ ބޭނުންކުރުމުގެ ޒިންމާ ހަމައެކަނި އޮތީ ރައްޔިތުންގެ އަތަކު ނޫން، މީގެ ޒިންމާ ސިނާއަތްތަކުން ވެސް ނަގަންޖެހޭ" ކަމަށެވެ.
އީރާނުގައި ތެޔޮ އުފައްދާ މިންވަރަށް ވުރެ އިތުރަށް ބޭނުންކުރަމުންދާއިރު، ހަނގުރާމައިގެ ކުރިން ތެޔޮ އުފެއްދި މިންވަރާއި އެކްސްޕޯޓް ކުރި މިންވަރާ އެއްވަރަކަށް އަދިވެސް އުފެއްދިފައެއް ނުވެއެވެ. ހަކަތައިގެ މި ކާރިސާއާ ގުޅިގެން، ވެރިރަށް ތެހެރާނުގެ ޕެޓްރޯލް ޝެޑުތަކުގައި ދިގު ކިއުތައް ހަދާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.
ތެލުގެ އަގު އިތުރަށް ބޮޑުވެދާނެތީ ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެގޮތުން 2019 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ހިންގި ބޮޑެތި މުޒާހަރާތަކަކީ ވެސް ތެލުގެ އަގު އުފުލުމާ ގުޅިގެން ފެށުނު މުޒާހަރާތަކެކެވެ. އީރާނުގެ ރައްޔިތުން މިހާރުވެސް ދަނީ އިގްތިސާދީ ހީނަރުކަމާއި، އިންފްލޭޝަން މަތިވުމާއި، ގައުމީ ފައިސާ ކަމަށްވާ ރިއާލްގެ އަގު ވެއްޓުމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.