ކޮލަމް
ހާލަތާއެކީ ރައްކާތެރިކަން ގެއްލިދާނެކަމަށް ތައްޔާރުވާށެވެ.
އަންހެނަކު ލެޕްޓޮޕަކުން މަސައްކަތް ކުރަނީ---
މިއަދު ވަޒީފާއެއް އޮތުމަކީ މާދަމާއާ މެދު މާބޮޑަށް ވިސްނަންޖެހޭ ކަމަކަށް ނުހަދައި، އެއީ ތިމާގެ މުސްތަގުބަލު އަބަދުމެ އެކަމަށް ބިނާކުރެވޭނެ ކަމަކަށް ދެކުމަކީ ޒަމާނުއްސުރެން ގިނަ ދިވެހިން ގަބޫލުކުރާ ގޮތެވެ. އެއީ ދާއިމީ ވަޒީފާއެއްގައި ހުރުމުން، ކޮންމެ މަހަކު ކަނޑައެޅިފައިވާ މުސާރައެއް ލިބެމުން ދާތީއެވެ. ޖީލުތަކަކަށް ދިވެހިން ދުށް ރައްކާތެރިކަމަކީ މިއީއެވެ. ނަމަވެސް، މަސައްކަތުގެ މާހައުލާއި ދުނިޔޭގެ ވައްޓަފާޅި މިހާރު މިވަނީ ބަދަލުވާން ފަށައިފައެވެ. އެއާއެކު އަހަރެމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، މިއަދު އޮތް ރައްކާތެރިކަން އަބަދުވެސް ދެމިއޮންނާނެ ކަމަށް ގަބޫލުކޮށްގެން ތިބުމެވެ.
ތެދެކެވެ. ދިރިއުޅުމުގެ ހަމަޖެހުމާއި ގަވާއިދުން ލިބޭ އާމްދަނީއަކީ އާއިލާތަކަށް ރައްކާތެރިކަން ލިބި، މުސްތަގުބަލަށް ކޮންމެހެން މުހިންމު ކަމެކެވެ. ނަމަވެސް ހަމަޖެހުމަކީ އަދި ރައްކާތެރިކަން ނޫންކަން ދަންނާށެވެ. އެކަމަށް ތައްޔާރުވާށެވެ.
މިއަދު ވަޒީފާ ހަމަޖެހިފައި އޮތް ނަމަވެސް، އެ ވަޒީފާއަށް ބޭނުންވާ ހުނަރުތައް ދަނީ ބާވެ، އުވިގެންނެވެ. ޓެކްނޮލޮޖީ އާއި އިގްތިސާދީ ބަދަލުތަކުގެ ސަބަބުން ސިނާއަތްތައް ބަދަލުވަމުންދާއިރު، މިއަދު ފުރިހަމަ ރައްކާތެރިކަމެއް އޮތް ކަމަށް ހީވާ މަގާމެއް ކުއްލިއަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. އެހެންކަމުން، އެންމެ ބޮޑު ނުރައްކަލަކީ ހަމައެކަނި ވަޒީފާ ގެއްލުމެއް ނޫނެވެ. އެންމެ ބޮޑު ބިރަކީ ވަޒީފާގެ މާހައުލަށް އަންނަ ބަދަލުތަކަށް ތައްޔާރުނުވެ ތިބުމެވެ.
ރިސްކު ނެގުމުގެ މުހިންމުކަން އަންނަނީ މި ހިސާބުންނެވެ. އާ ހުނަރެއް ދަސްކުރުމާއި، ކެރިއަރު ބަދަލުކުރުމާއި، އަމިއްލަ ވިޔަފާރިއެއް ފެށުމަކީ ހިތް ނުތަނަވަސްވާ ކަމަކަށް ވެދާނެއެވެ. އެއީ އެފަދަ ކަންކަމުގައި ނާކާމިޔާބީގެ ބިރު އޮތުމުންނެވެ. ނަމަވެސް، އަޅުގަނޑުމެން ދަސްކުރާ ކޮންމެ އާ ހުނަރަކީ އަދި ކުރިމަތިލާ ކޮންމެ އާ ގޮންޖެހުމަކީ ބަދަލުވަމުން އަންނަ ހާލަތްތަކަށް ހޭނުމަށް ލިބޭ ބާރެކެވެ. މިއަދު ނަގާ ކުޑަ ރިސްކަކީ މާދަމާ އަޅުގަނޑުމެންގެ ވަޒީފާގެ މުސްތަގުބަލު ރައްކާތެރިކޮށްދޭނެ އައްޑަނައެވެ.
މީގެ 10، 20 ނުވަތަ 30 އަހަރު ކުރިއާ މިއަދާ އަޅާކިޔާލާށެވެ. އާ ސިނާއަތްތައް އުފެދި، ޑިޖިޓަލް ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގެ ސަބަބުން ވަޒީފާގެ އާ ފުރުސަތުތައް ވަނީ ތަނަވަސްވެފައެވެ. އަދި ކުރީގެ އާދަކާދަތަކަށް ބިނާވެފައި އޮތް ވަޒީފާތައް ވެސް މިދަނީ ބަދަލުވަމުންނެވެ. އެހެންކަމުން އާ ހުނަރުތައް ދަސްކުރުން ހުއްޓާލައިފިނަމަ، އަބަދު އާ ހުނަރުތައް ދަސްކުރާ މީހުންނާ ވާދަކުރުމުގައި ފަހަތަށް ޖެހެން މަޖުބޫރުވާނެއެވެ.
މީގެ މާނައަކީ އެންމެން ވަޒީފާ ދޫކޮށްލަންވީކީ ނޫނެވެ. މާނައަކީ، މިވަގުތަށް ލިބިފައިވާ ހަމަޖެހުމާއެކީ ކުރިމަގަށް ތައްޔާރުވުން ހުއްޓާލައިގެން ނުވާނެ ކަމެވެ.
އެހެންކަމުން އައު ކަންކަން ދަސްކުރުމަށް ދިރިއުޅުމުގައި ރިސްކު ނަގާށެވެ. އެކަމަކު ވިސްނާށެވެ. ދެކޮޅު ނުޖެހޭ ނިންމުންތައް ނިންމުމާއި ވިސްނުންތެރިކަމާއެކު ރިސްކު ނެގުމަކީ ދެކަމެކެވެ. ވިސްނުންތެރިކަމާއެކު ރިސްކު ނެގުމަކީ، ދިމާވެދާނެ ގޮންޖެހުންތައް ދެނެގަނެ، އެކަމަށް ވީވަރަކުން ތައްޔާރުވެގެން ކުރިއަށް ދިއުމެވެ. އެއީ ވަޒީފާ އަދާކުރަމުން ކިޔެވުން ނުވަތަ ޑިޖިޓަލް ހުނަރެއް ދަސްކުރުން ކަމަށް ވެދާނެއެވެ. ނުވަތަ އިތުރު އާމްދަނީއެއް ހޯދުމަށް ކުޑަ މަސައްކަތެއް ފެށުން ނުވަތަ އާ ޒިންމާތަކަކާ ކުރިމަތިލުން ކަމަށް ވެސް ވެދާނެއެވެ. މިއިން ވަގުތުން ފައިދާ ނުފެނުނު ނަމަވެސް، މިއީ ހާލަތަށް ހޭނުމުގެ އަގުހުރި ހުނަރު އަށަގަންނުވައިދޭ ކަންކަމެވެ.
މީގެއިތުރުން "ރައްކާތެރިކަން" މި ބަހުގެ މާނައާމެދު އަޅުގަނޑުމެން އަލުން ވިސްނަން ޖެހެއެވެ. ރައްކާތެރިކަމަކީ ހަމައެކަނި ނޭނގޭ ކަންކަމުން ދުރުހެލިވުމެއް ނޫނެވެ. ބައެއް ފަހަރު ރައްކާތެރިކަމަކީ މާދަމާ އަންނާނެ ބަދަލުތަކަށް މިއަދު ތައްޔާރުވުމެވެ. ހުއްޓުމެއް ނެތި ދަސްކުރާ މީހާއަށާއި، ތަފާތު ހުނަރުތައް ތަރައްގީކުރާ މުވައްޒަފުންނަށް ކުރިމަގުގައި ފުރުސަތުތައް ގިނަވާނެއެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރިމަގުގައި އަންނާނެ ހުރިހާ ބަދަލެއް މިއަދު އަންދާޒާ ކުރަން ނޭނގުނު ނަމަވެސް، އެ ބަދަލުތަކަށް ތައްޔާރުވެ ތިބުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްމެ އެބައޮތެވެ. އެހެންކަމުން މިއަދު ތިބާ ނަގަން ޖެހިލުންވާ ކުޑަ ރިސްކަކީ، މާދަމާ ތިބާއަށް ބޭނުންވާ އެންމެ ބޮޑު ރައްކާތެރިކަމަށް ވެދާނެއެވެ.