ކުޅިވަރު
މިއީ އެމްބައްޕޭއަށް ބެލަން ޑިއޯ ލިބޭ އަހަރަށް ވެދާނެ ކަމަށް އޭނާ ބުނެފި
ރެއާލް މެޑްރިޑްގެ ޖާޒީގައި އެމްބައްޕޭ / ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ޝަރަފުވެރި ބެލަން ޑިއޯ އެވޯޑު ފުރަތަމަ ފަހަރަށް ހޯދުމަށް މިއީ އޭނާއަށް ރަނގަޅު އަހަރަކަށް ވެދާނެ ކަމަށް ރެއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބައްޕޭ ބުނެފިއެވެ.
އުމުރުން 27 އަހަރުގެ އެމްބައްޕޭ ވަނީ ނިމިދިޔަ ސީޒަނުގައި އޭނާގެ ކްލަބަށް ކުޅުނު 44 މެޗުން 42 ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އެ ސީޒަނުގައި އޭނާގެ ކްލަބަށް އެއްވެސް މުބާރާތެއްގެ ތަށި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އޭގެ އިތުރުން ވޯލްޑް ކަޕްގައި ޖެހި 10 ލަނޑާއެކު މުބާރާތުގެ ރަން ބޫޓު އޭނާ ހޯދިއިރު، މިއާއެކު އޭނާ ވޯލްޑް ކަޕްގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 22 އަށް އަރާފައެވެ. ނަމަވެސް އެ މުބާރާތުގައި އޭނާގެ ޤައުމީ ޓީމު ކަމަށްވާ ފްރާންސަށް ލިބުނީ ހަތަރުވަނައެވެ.
މިކަމާ ގުޅިގެން ވާހަކަދައްކަމުން އެމްބައްޕޭ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކްލަބް ކަމަށްވާ ރެއާލް މެޑްރިޑަށް ކުޅޭއިރު، މީހުން އަބަދުވެސް ބެލަން ޑިއޯ އެވޯޑާއި ކުޅުންތެރިޔާއާ ގުޅުވައިގެން ވާހަކަދައްކާ ކަމަށެވެ. އަދި އެންމެ މުހިންމު މުބާރާތުގައި އޭނާ ތާރީޚީ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި، ބެލަން ޑިއޯ ހޯދުމަށް މިއީ ރަނގަޅު އަހަރަކަށް ވެދާނެ ނަމަވެސް، ވޯޓު ދޭ ފަރާތްތަކުން ވޯޓު ދޭނީ އެމީހުންނަށް ފެންނަ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރިއެވެ.
އެމްބައްޕޭއަށް ބެލަން ޑިއޯގެ ރޭންކިންގައި މިހާތަނަށް އެންމެ މައްޗަށް ދެވިފައިވަނީ 2023 ވަނަ އަހަރުއެވެ. އެ އަހަރު އޭނާއަށް ލިބުނީ ތިންވަނައެވެ.
މި އަހަރު މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި އެވޯޑު ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅުނު 51 މެޗުން ރެކޯޑު 61 ލަނޑު ޖަހައި، ދެ ތަށި ކާމިޔާބުކޮށް، އަދި ވޯލްޑް ކަޕްގައި 6 ލަނޑު ޖެހި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންއެވެ.
މީގެ އިތުރުން، ބާސެލޯނާއާއެކު ލަލީގާ އަދި ސްޕެއިނާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޒުވާން ތަރި ލަމީން ޔަމާލް ދެވަނައަށް އެންމެ ކުރީގައި އޮތްއިރު، ތިންވަނައަށް އެންމެ ފުރުސަތު ބޮޑީ ސްޕެއިން އަދި ކުރިން މެންޗެސްޓާ ސިޓީއަށް ކުޅުނު ރޮޑްރީއަށެވެ.