ޚަބަރު
ރީ-ރަޖިސްޓަރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ
މީޑިއާ. ފޮޓޯ: މިނިވަން ނިއުސް
އުވާލެވިފައިވާ ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ނޫސް މަޖައްލާތައް، އައު ގަވާއިދުގެ ދަށުން ރީ-ރަޖިސްޓަރީ ނުކޮށްފިނަމަ އެ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓީންގް ކޮމިޝަން (އެމްއެމްބީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން ނެރުއްވި އިއުލާނެއްގައި ވަނީ، ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައިވާ ގޮތުން، 6 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަކުރަން ޖެހޭ ކަމަށެވެ.
ރީ-ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚަކީ 27 އޮކްޓޯބަރު 2026 ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އަދި އެ މުއްދަތު ހަމަވާއިރު ރީ-ރަޖިސްޓަރީކޮށް ރެކޯޑު އަދާހަމަނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތައް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލުކުރެވޭނެ ކަމަށް ވެސް ވަނީ އަންގާފައެވެ.
އެހެންކަމުން، ގަވާއިދާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނޫސް މަޖައްލާތަކުގެ ރެކޯޑުތައް އަދާހަމަކުރުމަށް ހުރިހާ ނޫސް މަޖައްލާތަކުގެ މަސްއޫލުވެރި ފަރާތްތަކަށް އެމްއެމްބީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
(ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު)ގެ ދަށުން ނޫސް މަޖައްލާ ރެކޯޑު އަދާހަމަކުރުމާއި ގުޅޭ pic.twitter.com/D1wgNzlGoh
— Maldives Media and Broadcasting Commission (@MmbcMv) September 8, 2026
ދިވެހިރާއްޖޭގައި ހިންގާ ނޫސްތަކާއި މަޖައްލާތައް ކުރިން ރަޖިސްޓްރީ ކުރަމުން އައީ ޔޫތު މިނިސްޓްރީގައި ކަމަށްވީ ނަމަވެސް، އެމްއެމްބީސީ އުފެދުމާއެކު މިފަދަ ވަސީލަތްތައް ރަޖިސްޓްރީ ކުރުމާއި އޭގެ ދަފުތަރު ބެލެހެއްޓުމުގެ އެންމެހައި މަސްއޫލިއްޔަތުތައް މިހާރު ވަނީ އެ ކޮމިޝަނާ ހަވާލުކުރެވިފައެވެ.