ޚަބަރު
މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ދެމެހެއްޓުމާއި ގުޅޭގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފި
މި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ދެމެހެއްޓުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ޖަޕާނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައި އިއްޔެ ވަނީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފުގެ އަރިހަށް ކުރެއްވި ޒިޔާރާތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
Minister Ali Shareef today met with H.E. Ishigami Rumiko, Ambassador of Japan to the Maldives. Discussions centered on enhancing bilateral cooperation and exploring opportunities for strengthened collaboration on climate change, environmental sustainability, and conservation… pic.twitter.com/Hls56fVQmE
— Min. of Climate Change, Environment and Energy, MV (@MoEnvmv) September 8, 2026
މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިންނާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމާ ގުޅޭ އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ހާއްސަގޮތެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ތަރައްޤީއަށާއި، ޚާއްޞަކޮށް ތިމާވެށްޓާއި މޫސުމީ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި ރާއްޖެއަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަން ވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.