ޚަބަރު
"އެލް ނީނޯ"ގެ އަސަރު ރާއްޖެއަށް ކުރާނެތީ ފިޔަވަޅުތައް އަޅަން އެންޑީއެމްއޭއިން އެދިއްޖެ
ދިވެހިރާއްޖެ. ފޮޓޯ: އިންޓަނެޓް
ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލް ނީނޯ" ގެ ބާރު އިތުރަށް ގަދަވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވެސް ކުރާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ، "އެލް ނީނޯ" ގެ ބާރު އިތުރަށް ގަދަވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ލަފާކުރެވިފައިވާ ކަމަށާއި، އެހެންކަމުން، ހުރިހާ ދާއިރާތަކަކުން ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މި ކަމަށް ދުރާލާ ތައްޔާރުވުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއް ކަމަށަވެ.
މިގޮތުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމުގެ ގޮތުގައި އެންޑީއެމްއޭއިން ފާހަގަކޮށްފައިވާ ކަންކަން:
- ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުން
- ޒަރޫރީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ޓަކައި ވިޔަފާރިތަކުންނާއި މުއައްސަސާތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި މުރާޖަޢާކުރުން
- މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން
- މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯރ ޑިޒާސްޓާރ ރިސްކް ރިޑަކްޝަން (ޔޫ.އެން.ޑީ.އާރް.އާރް)އިން ވަނީ ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޢަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު ކަންތައްތަކެއް ހިމެނޭ އުޞޫލުތަކެއް އެކުލަވާލައި ޢާންމުކޮށްފައިކަން ވެސް އެންޑީއެމްއޭއިން ވަނީ ފާހަގަކުރައްވާފައެވެ.
ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލް ނީނޯ" ގެ ބާރު އިތުރަށް ގަދަވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ވަނީ ލަފާކުރެވިފައެވެ. އެހެންކަމުން، ހުރިހާ ދާއިރާތަކަކުން ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ،… pic.twitter.com/eGAGeu4iyU
— NDMA Maldives (@NDMAmv) September 9, 2026
ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލްނީނޯ" ގެ ބާރު މިހާރު ދަނީ އިތުރަށް ގަދަވަމުން ކަމަށާއި، މި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް)އިން ވެސް ވަނީ ހާމަކުރައްވާފައެވެ. ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ މި ފެނޯމިނާގެ ސަބަބުން ރާއްޖޭގެ ވާރޭވެހޭ މިންވަރަށް ބަދަލުތަކެއް އަތުވެދާނެތީ، އާންމުން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.
އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވެ، މުރަކަ ފަރުތަކުގެ ދިރުމަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވެއެވެ. މުރަކަ ހުދުވުމުގެ ސަބަބުން ފަރުތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ މަގުބޫލުކަން ކުޑަވެ، ކަނޑުގެ ދިރުންތަކާ ގުޅިފައިވާ އާމްދަނީގެ ވަސީލަތްތަކަށް ހުރަސްއެޅޭނެ ކަމަށް މެޓުން ބުނެއެވެ. މީގެއިތުރުން، ކަނޑުގެ އޮއިވަރާއި ހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި އުޅޭ ސަރަހައްދުތައް ބަދަލުވެ، މަސްވެރިކަން ދަށްވެގެންދެއެވެ. ތާރީޚީ ގޮތުން ބަލާއިރު ވެސް އެލްނީނޯ އަހަރުތަކުގައި ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
އެލްނީނޯގެ ސަބަބުން ވާރޭވެހޭ މިންވަރަށް ބަދަލު އައުމަކީ ދަނޑުވެރިކަމަށް ބުރޫއަރައި، ގަސްގަހާގެހިން ލިބޭ އުފެއްދުންތެރިކަން ދަށްވާނެ ކަމެކެވެ. ހަމައެއާއެކު، އާންމު ހޫނުމިން މަތިވުމުގެ ސަބަބުން ތަންތަން ފިނިކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވެ، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވެގެންދާނެއެވެ.
މި ކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ދިވެހިރާއްޖެ އޮތް ނާޒުކު މިންވަރު ކަމަށާއި، ފަތުރުވެރިކަމާއި މަސްވެރިކަން އަދި ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.