ޚަބަރު
ރައީސަށް އިންޖިނިއަރިން އެވޯޑު ދޭ ވާހަކައަކީ ދޮގެއް: ވަޒީރު މުއްތަލިބު
މި އަހަރުގެ އިންޖިނިއަރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: މިހާރު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އިންޖިނިއަރިން ދާއިރާއިން އެވޯޑެއް ދިނުމަށް ނިންމާފައިވާކަމަށް ބުނެ "އަދަދު" ނޫހުގައިވާ ވާހަކައަކީ ދޮގެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އިންޖިންނިއަރިންގ އެވޯޑަކީ އުޞޫލު ގެޒެޓުކޮށް، އެޕްލައިކުރުމަށް ހުޅުވާލާ، ލިބުނު އެޕްލިކޭޝަންތައް މިނިވަން ކޮމިޓީއަކުން ބަލާ އިންޓަވިއުކޮށް އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ.
އިންޖިންނިއަރިންގ އެވޯޑަކީ އުޞޫލު ގެޒެޓުކޮށް، އެޕްލައިކުރުމަށް ހުޅުވާލާ، ލިބުނު އެޕްލިކޭޝަންތައް މިނިވަން ކޮމިޓީއަކުން ބަލާ އިންޓަވިއުކޮށް އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ އެވޯޑެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ.… pic.twitter.com/almE0eQosK
— Abdulla Muththalib (@muththo) September 9, 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވަޒީރު މުއްތަލިބު ވިދާޅުވިއެވެ.
"އެއްވެސް ޙަގީގަތެއް ނެތް މި ޚަބަރު ލިޔެފައި މިވަނީ ރައީސް ޑރ. މުޢިއްޒަކީ އިންޖިންނިއަރިންގ ދާއިރާއިން ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތަކަށް ވާތީ، އެވޯޑް ލިބުން ޙައްޤުކަމަށް ޢަދަދު ނޫހުން ޤަބޫލުކުރާތީ ކަމަށް އަޅުގަނޑު ދެކެން."
ވަޒީރު ވިދާޅުވިއެވެ.
އިންޖިނިއަރިން އެވޯޑު ދިނުމަށް ބާއްވާ ހަފުލާގައި، ވަޒީރު ޑރ. މުއްތަލިބު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް އެވޯޑެއް އެރުވުމަށް މަސައްކަތްކުރަމުންދާ ކަމަށް އޮންލައިން ނޫސް އަދަދު ގައި ރިޕޯޓުކޮށްފައިވެއެވެ.
ރައީސް ޑރ. މުޢިއްޒަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަސިޓީ ކޮލެޖް ލަންޑަނުން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް އަދި މާސްޓާސް ޑިގްރީ ހާސިލުކުރެއްވުމުގެ އިތުރުން، ލީޑްސް ޔުނިވަސިޓީން ޕީއެޗްޑީ ނިންމަވާފައިވާ، އަދި މި ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު އިންޖިނިއަރެކެވެ.