ދުނިޔެ
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހަމަލާތަކުގެ ސަބަބުން އީރާނުގައި ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެއްޖެ
އީރާނުގެ ފާމަސީއެއް
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުމަގުން އަޅާފައިވާ ހުރަސްތަކުގެ އިތުރުން، އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކާ ގުޅިގެން އީރާނުގައި ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކަށް ފަރުވާދޭ ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ބޭހުގެ އަގުތައް އިންތިހާއަށް އުފުލިއްޖެއެވެ.
އީރާނުގެ ފާމަސިސްޓުންގެ ޖަމިއްޔާގެ ތަރުޖަމާނު ހާދީ އަހުމަދީ ވިދާޅުވި ގޮތުގައި، ގައުމީ ފެންވަރުގައި މިހާރު 800 އަށް ވުރެ ގިނަ ބާވަތުގެ ބޭހާއި ސިއްހީ އުފެއްދުންތައް ލިބުން ވަނީ ދަތިވެފައެވެ. މީގެ ތެރޭގައި ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ މުހިންމު 90 ބާވަތެއްގެ ބޭހުގެ އިތުރުން، އީރާނުގެ އެތެރޭގައި އުފައްދާ 400 ބާވަތެއްގެ ބޭސް ވެސް ހިމެނެއެވެ. މީގެ އިތުރުން ބޭހުގެ އަގުތައް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގޮތުން އާންމު ހުން ބޭހާއި އެންޓިބަޔޮޓިކް ފަދަ ބޭސްތަކުގެ އަގު އެތައް ގުނައެއް އުފުލިފައިވާއިރު، ހަކުރުބަލީގެ މީހުން ކޮންމެ ދުވަހަކު ބޭނުންކުރަންޖެހޭ އިންސިއުލިންގެ އަގު ވެސް ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ހަ ގުނައަށް ވަނީ ބޮޑުވެފައެވެ.
މި ދަތިކަން އިތުރަށް ގޯސްވެފައިވަނީ ފެބުރުއަރީ މަހުން ފެށިގެން ދެވުނު ހަމަލާތަކުގައި އީރާނުގެ ބޭސް އުފައްދާ 44 ކުންފުންޏަކަށް ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެންނެވެ. މީގެ ތެރޭގައި ކެންސަރާއި އެހެނިހެން ބޮޑެތި ބަލިތަކަށް ހާއްސަ ބޭސް އުފައްދާ މައި ކުންފުންޏެއް ކަމަށްވާ 'ތައުފީގު ދާރޫ' ވެސް ހިމެނެއެވެ. އެ ކުންފުނީގެ ސޭލްސް ޑިރެކްޓަރު މަރިޔަމް ފަރަހާނީ ވިދާޅުވީ، ދެވުނު ވައިގެ ހަމަލާތަކުގައި ކުންފުނީގެ ދިރާސާކުރާ ލައިންތަކާއި އުފެއްދުންތެރިކަމުގެ ނިޒާމުތައް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި، އެތަން އަލުން އާރާސްތުކުރުމަށް މަދުވެގެން ދެ އަހަރު ދުވަސް ނަގާނެ ކަމަށެވެ.
މި ހާލަތު ކުރިމަތިވެފައި ވީނަމަވެސް، އީރާނުގެ ކަމާބެހޭ އިދާރާތަކުން ބުނަމުންދަނީ އެ ގައުމުގެ ބޭސް އުފެއްދުމުގެ ސިނާއަތް ފިއްތުންތަކަށް ބޯނުލަނބައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް ވެރިރަށް ތެހެރާނުގެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަމުންދަނީ ކުޑަކުދިންނަށް ދޭ ވެކްސިން ފަދަ ތަކެތި ލިބުން ދަތިވުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ފެތުރުމުގެ ބިރު ބޮޑުވަމުންދާތީއެވެ.