ސައިންސް / ޚަބަރު
އެޕަލްގެ އެންމެ ފަހުގެ އަތުކުރި ގަޑިއަކީ ސިއްޙީ ހާލަތު ދެނެގަނެވޭނެ ވަރުގަދަ އާލާތެއް
އެޕަލް ގަޑި އަޅައިގެން ކަސްރަތު ކުރަނީ / ފޮޓޯ: އެޕަލް
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލްގެ ވޮޗް ސީރީޒް 12 ދައްކާލައިފިއެވެ. މިއީ ސިއްޙީ ހާލަތާއި ދުޅަހެޔޮކަމުގެ މަޢުލޫމާތުތައް ކުރިއަށްވުރެ ތަފްޞީލުކޮށް އަދި އަވަހަށް ބަލައިލެވޭ ގޮތަށް، އައު "ހެލްތު ސެންސިންގ ސިސްޓަމް" އަކާއެކު ފަރުމާކޮށްފައިވާ ގަޑިއެކެވެ.
މި އައު ސްމާޓްވޮޗުގައި ބޭނުންކޮށްފައިވަނީ އެޕަލްގެ އެންމެ ފަހުގެ އެސް11 ޗިޕެވެ. މީގެއިތުރުން އައު އޮޕްޓިކަލް އަދި އިލެކްޓްރިކަލް ހާޓް ސެންސަރުތައް ހިމަނާފައިވާއިރު، މިއީ މިހާތަނަށް ސްމާޓްވޮޗެއްގައި ހިމެނުނު ހިތުގެ ވިންދު އެންމެ ސައްޙަކޮށް ބަލައިދޭނެ ސިސްޓަމް ކަމަށް އެޕަލްއިން ބުނެއެވެ. މިގޮތުން ދުވަހުގެ ކޮންމެ ފަސް ސިކުންތަކުން އެއްފަހަރު ހިތުގެ ވިންދު މި ގަޑިން ރެކޯޑުކުރަމުން ގެންދާނެއެވެ.
ހަމައެއާއެކު، ކުރީގެ މޮޑެލްތަކާ އަޅާބަލާއިރު ހާޓް-ރޭޓް ވެރިއަބިލިޓީ (އެޗް.އާރް.ވީ) 24 ގުނަ އަވަހަށް މިންކޮށްދޭނެއެވެ. އަދި އިތުރަށް މި އެއްކުރެވޭ މަޢުލޫމާތުތަކުގެ އެހީގައި، ސްޓްރެސް ހުންނަ މިންވަރާއި، ހަށިގަނޑު ރިލެކްސްވާ މިންވަރުގެ އިތުރުން ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ވަރަށް ސާފުކޮށް ދެނެގަނެވޭނެއެވެ.
ސީރީޒް 12 ގެ އެންމެ ފާހަގަކޮށްލެވޭ އެއް އައު ފީޗާއަކީ "ރެޑިނަސް އެވެ. މި ފީޗާގެ ދަށުން، ކަސްރަތު ކުރި މިންވަރާއި، ނިދިން ލިބުނު އަރާމާއި އަދި ހަށިގަނޑުގެ މުހިންމު ސިއްޙީ ކަންކަމަށް ބަލައި 0 އިން 10 އާ ދެމެދުގެ ސްކޯއެއް ދޭނެއެވެ. އަދި އެ ދުވަހަކު އިތުރަށް އަރާމުކުރަންވީތޯ ނުވަތަ އިތުރަށް ހަރަކާތްތެރިވެ ކަސްރަތު ކުރިއަށް ގެންދަންވީތޯ މި ގަޑިން އިރުޝާދު ދޭނެއެވެ.
އެޕަލް ގަޑި އަޅައިގެން ފަތަނީ / ފޮޓޯ: އެޕަލް
މި އައު ގަޑީގެ ބެޓެރީގައި ޗާޖު ހިފަހައްޓާނެ މިންވަރަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ގެނެސްދީފައެވެ. އެގޮތުން ޢާންމު ބޭނުންތަކުގައި 24 ގަޑިއިރު އަދި ބޭރުގައި ކުރާ ކަސްރަތުތައް ޓްރެކްކުރުމުގައި 10 ގަޑިއިރު ވަންދެން ބެޓެރީ ހިފަހައްޓާނެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން އިތުރަށް ފުޅާކުރުމުގެ ގޮތުން، މީހުން ދައްކާ ވާހަކަތައް ހަނދާން ބެހެއްޓުމަށާއި މުހިންމު އަޑުތައް ދެނެގަތުމަށް އެހީތެރިވެދޭ "އޯޑިއޯ އިންޓެލިޖެންސް" ފީޗާތައް ވެސް މި ގަޑީގައި ހިމަނާފައިވެއެވެ. މީގެއިތުރުން އަމިއްލަ ޢުމުރާ އަޅާބަލާއިރު ސިއްޙީ ހާލަތު ހުރި މިންވަރު ބަލައިލެވޭ "ހެލްތު އޭޖް" ފީޗާ ވެސް މި ގަޑީގައި ވަނީ ހިމަނާފައެވެ.
އެޕަލް ވޮޗް ސީރީޒް 12 އަށް ޕްރީ-އޯޑަރު ކުރުމުގެ ފުރުޞަތު 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 9 ގައި ހުޅުވާލާއިރު، މި ގަޑި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 18 ގައެވެ.
މި އައު މޮޑެލްއާއެކު، އެޕަލް އިން މަސައްކަތް ކުރަމުންދަނީ އެޕަލް ވޮޗަކީ ހަމައެކަނި އާދައިގެ ސްމާޓްވޮޗެއްގެ ގޮތުގައި ނުބާއްވައި، ސިއްޙަތާއި، ދުޅަހެޔޮކަމާއި، ރައްކާތެރިކަމަށް ޚާއްޞަކޮށްފައިވާ ދިރިއުޅުމުގެ މުހިންމު އެކުވެރިއެއްގެ ގޮތުގައި ކުރިއަށް ނެރުމަށެވެ.