Ads by Farudhun

ޚަބަރު

ފަލަސްތީނުގެ ހައްގުގައި ހުޅަނގުން ތެދުވުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

ފަލަސްތީނުގެ ހައްގުގައި ހުޅަނގުން ތެދުވުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސާއެކު. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ސެޕްޓެމްބަރު 2026، 08:10

10 ސެޕްޓެމްބަރު 2026، 08:10

ފަލަސްތީން ރައްޔިތުންގެ ހައްގުގައި  އިނގިރޭސިވިލާތް، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފަރަންސޭސިވިލާތް، އައިސްލޭންޑް، އަޔަލޭންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަންއިން  ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ފަލަސްޠީނުގެ ބިންތައް ފޭރިގަތުމާއި، ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކޮށްލުމަށް ޔަހޫދީން ކުރަމުން އަންނަ މަސައްކަތްތަކާއި ދެކޮޅަށް ހުޅަނގުން ނެރުނު ގުޅިފައިވާ ބަޔާނުގައި ފާޅުކޮށްފައިވާ އެކުވެރި ޢަޒުމް ދިވެހިރާއްޖެއިން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ.

ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައި ވަނީ، ފަލަސްޠީނުގެ ބިންތައް ވެރިވެގަތުމަށާއި އެ ގައުމުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް އެ ގައުމުތަކުން ނިންމި ނިންމުމަށް ރާއްޖެއިން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ. 

މިއީ އެ ސަރަހައްދުގެ އަމާންކަމާއި ސުލްހަ ގާއިމުކުރުމަށާއި، ފަލަސްޠީނު ރައްޔިތުންގެ ރައްކާތެރިކަމާއި ކަރާމާތް ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މައިދާނުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ރާއްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޚާޒިޖީ ވުޒާރާއިން ވަނީ، އިސްރާއީލުން ޙިޞާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީ އާބާދީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އަލުން ތަކުރާރު ވެސް ކުރައްވާފައެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް، ޚާއްޞަކޮށް އަމިއްލަ އިޚްތިޔާރުގައި އަމިއްލަ ވެރިކަމެއް ޤާއިމުކުރުމުގެ ޙައްޤަށާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި ދެމެހެއްޓެނިވި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ދެމުންގެންދާ ތާއީދުގައި ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދެއްވާފައެވެ.

އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޔަހޫދީ ވަޒަންވެރިންގެ އުފެއްދުންތައް އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ކެނެޑާއަށް އެތެރެކުރުން އެ ޤައުމުތަކުން ވަނީ މަނާކޮށްފައެވެ. ފަލަސްޠީނާއި އިސްރާއީލުގެ ވަކި މިނިވަން ދެ ދައުލަތް އޮތުމުގެ ހައްލަށް ތާއީދުކޮށް، މި ތިން ޤައުމުގެ އިތުރުން އެހެން 11 ޤައުމެއްގެ ޚާރިޖީ ވަޒީރުން ގުޅިގެން ވަނީ މިކަމާ ގުޅޭގޮތުން ބަޔާނެއް ނެރުއްވާފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިސްރާއީލާއި އިނގިރޭސިވިލާތުގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. މީގެ މައިގަނޑު ސަބަބަކީ ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި، ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުން އިތުރުވުމުގެ އިތުރުން، އެ ސަރަހައްދުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިކުރާ އަނިޔާތަކާ ދެކޮޅަށް އިނގިރޭސިވިލާތުން އަޑުއުފުލުމެވެ. މީގެއިތުރުން، 2025 ވަނަ އަހަރު އިނގިރޭސިވިލާތުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައިވާއިރު، ހުޅަނގު އައްސޭރީގެ އާބާދީތައް ފުޅާކުރުމާ ގުޅިގެން މިދިޔަ ޖޫން މަހުގައި ވެސް އެ ޤައުމުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450