ޚަބަރު
އޮޅުވެލިފުށީ ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިމިއްޖެ
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ޅ. އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން، އެއްގަމުތޮށީގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށި އަދި އެންކަރ ބްލޮކް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބްލޮކް ލައިން އެލައިންމަންޓްގެ މަސައްކަތްތައް ކަމަށެވެ.
އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމަށް ޓަކައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޅ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޮޅުވެލިފުއްޓަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އަދި މި މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މަޝްރޫއުގެ ދަށުން މިހާރު ވަނީ، 207 މީޓަރުގެ ބްލޮކް ޖަހައި ނިންމާފައި ކަމަށް ވެސް އެމްޓީސީސީއިން ވަނީ ހާމަކުރައްވާފައެވެ.
Project Update: Design and Build of Harbour Upgrade at LH. Olhuvelifushi
— MTCC Plc (@MTCCPlc) September 9, 2026
Quay wall and anchor block installation works have been completed. Block line alignment works are currently ongoing at the project site.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects… pic.twitter.com/JLSJn40pl4
މަޝްރޫއުގެ ދަށުން 7,534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރީގެ ފަޅު އަލުން ފުންކުރުމާއި، 49,857 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ އިތުރުން 14,160 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ބޭރުތޮށި ލުމާއި، އެތެރެވަރިއާއި ބޭރުތެރެއަށް ވާގޮތަށް 156 މީޓަރުގެ ދެ ވެލިތޮށި ޖެހުމުގެ އިތުރުން 246 މީޓަރުގެ އެއްގަމުތޮށްޓެއް ލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 11 މީޓަރުގެ ރޭމްޕަކާއި، 27 މީޓަރުގެ އާރްސީ ބްރިޖެއްގެ އިތުރުން 132 މީޓަރުގެ އާރްސީ ޖެޓީއެއް ހެދުން މަޝްރޫއުގައި ހިމެނެއެވެ. އަދި 1,149 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ފެރީ ބަނދަރު ކުރަން ބޭނުންވާ އެކްސަސް ޕްލެޓްފޯމެއް ވެސް ގާއިމުކުރެވޭނެއެވެ.
މިއީ ދައުލަތުގެ ބަޖެޓުން 66.40 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން، 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫޢު ނިމުމާއެކު އޮޅުވެލިފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.