ރިޕޯޓް
ރާއްޖެ އިސްލާމްވީ ދުވަސް: ތާރީޚީ ހަޤީޤަތްތަކާއި، ފޯކްލޯރ އަދި މިއަދުގެ ޙާލަތު
ހުކުރު މިސްކިތް - ފޮޓޯ: ދިވެހި ބަހުގެ އެކަޑަމީ
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފާހަގަކުރެވޭ އެންމެ މުހިންމު އަދި އެންމެ ބޮޑު ނިޢުމަތަކީ ދިވެހި ފަސްގަނޑަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގެންދިޔަ ތާރީޚީ ހާދިސާއެވެ. މި މަތިވެރި ހާދިސާއާ ގުޅިގެން ކޮންމެ އަހަރަކުވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސް ފާހަގަކުރެވެމުން އަންނަނީ "ރާއްޖެ އިސްލާމްވީ ދުވަސް" ގެ ގޮތުގައެވެ. މި ދުވަސް ނިސްބަތްވަނީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވި ރަދުން އިސްލާމްދީން ޤަބޫލުފުޅުކުރައްވައި، ދިވެހި އެންމެހައި ރައްޔިތުން އެ ދީނަށް ރުޖޫޢަވުމަށް ކުރެއްވި އަމުރުފުޅަށެވެ.
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، ދިވެހިރާއްޖެ އިސްލާމްވި ދުވަސްވަރު ރަސްކަމުގައި އިންނެވީ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. އެ މަނިކުފާނު އިސްލާމްދީން ޤަބޫލުފުޅު ކުރެއްވުމަށްފަހު އިޚްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲ އެވެ. ދިވެހިންގެ މެދުގައި އެ ރަދުން މަޝްހޫރުވެފައިވަނީ "ދަރުމަވަންތަ ރަސްގެފާނު" ގެ ނަންފުޅުންނެވެ. އަދި މާލޭގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތް ކަމަށްވާ ދަރުމަވަންތަ މިސްކިތަކީ މި ރަދުންނަށް ނިސްބަތްވާ މިސްކިތެކެވެ. މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވާފައިވާ ގޮތުން، ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. ރާއްޖޭގައި ރަސްމީކޮށް މި ދުވަސް ފާހަގަކުރަނީ މި ތާރީޚަށް ބިނާކޮށެވެ.
ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި ފާހަގަކުރަން ފެށީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، ހިޖުރައިން 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު (1954 މ.) އެވެ. ނަމަވެސް، 1388ހ. (1968މ.) ގައި މި ދުވަސް ފާހަގަކުރުން ސަރުކާރުން މެދުކަނޑާލެއްވިއެވެ. އޭގެ ފަހުން އަލުން މި ދުވަސް ފާހަގަކުރައްވަން ނިންމެވީ 29 މުޙައްރަމް 1421 (4 މެއި 2000) ވީ ބުރާސްފަތި ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މި ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ރައްކާތެރިކޮށް، އެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ދިވެހި ސަގާފަތަށް ބަލާއިރު، ތުންތުންމަތިން ކިޔަމުން އައިސްފައިވާ ފޯކްލޯރ ނުވަތަ ޚިޔާލީ ވާހަކަތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލު އެއްޗެކެވެ. މިގޮތުން، ލައްޓިމަސް ރާއްޖޭގެ ކަނޑުތަކަށް ތަޢާރަފްވީ ބޮޑު ނިޔަމި ކަލޭފާނުގެ ސަބަބުން ކަމަށް ބުނާ ވާހަކައާއި، ކުޑަކުދިން އަދިވެސް އަޑުއަހާ ހިތްވާ ސަފަރުކަތްދައާއި ސަންތި މަރިޔަނބުގެ ވާހަކަ ހިމެނެއެވެ. މީގެއިތުރުން ހުޅުލޭ ބޮޑު މީހާގެ ވާހަކައާއި، ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައަކީވެސް ފާހަގަކޮށްލެވޭ ވާހަކަތަކެކެވެ. ނަމަވެސް، މި ހުރިހާ ވާހަކަތަކަށްވުރެ ބޮޑަށް ދިވެހިންގެ ސަމާލުކަން ލިބިފައިވަނީ ރާއްޖެ އިސްލާމްވުމާ ގުޅުވައިގެން ކިޔައިއުޅޭ "ރަންނަމާރި" ވާހަކައަށެވެ.
ޒަމާނުއްސުރެ ސްކޫލްތަކުގެ މަންހަޖުގައިވެސް ހިމަނައިގެން ކިޔަވައިދެމުން އައި މި ވާހަކައިގައި ބުނާ ގޮތުން، ރަންނަމާރިއަކީ ދިވެހިން ބުދު ދީނަށް އަޅުކަންކުރި ޒަމާނުގައި މާލޭ ވަރުނުލާ ރާޅުގަނޑާ ދިމާ އެއްގަމުގައި ހުންނަ ބުދު ފައްޅިއަކަށް ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ އަރަމުންދިޔަ ބިރުވެރި ފުރޭތައެކެވެ. ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ވާހަކައަކީ ޙަޤީޤަތެއް ނެތް ފުލޯކު ނުވަތަ ޚިޔާލީ ވާހަކައެކެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ މަޣުރިބުކަރައިގެ (މޮރޮކޯގެ) ޢިލްމުވެރިއެއް ކަމުގައިވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ ދަޢުވަތުން، ހިޖުރައިން 548 (މީލާދީން 1153) ވަނަ އަހަރު ރާއްޖެ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތަށް އައުމެވެ.
ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވި ދާޢީއަކާމެދު ތާރީޚީ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވެއެވެ. ބައެއް ތާރީޚީ ލިޔުންތަކުގައި އެއީ މަޣުރިބުކަރައިގެ (މޮރޮކޯގެ) ބޭފުޅެއް ކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށް ބަޔާންކޮށްފައިވާއިރު، އިބްނު ބަޠޫޠާގެ ދަތުރުނާމާ ފަދަ ބައެއް މަސްދަރުތަކަށް ބުރަވެ އަނެއް ބަޔަކު ބުނަނީ އެއީ ފާރިސްކަރައިގެ (އީރާނުގެ) ތަބްރީޒަށް ނިސްބަތްވާ ޔޫސުފް ތަބްރީޒީ ކަމަށެވެ.
ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މެދުގައި އެ ބޭފުޅެއްގެ ނަސަބާމެދު ބަހުސްކުރުމަށްވުރެ މާ މުހިންމު ކަމެއް އެބައޮތެވެ. އެއީ އެ ދާޢީއެއްގެ ސަބަބުން އަޅުގަނޑުމެންނަށް މާތް ﷲ މިންވަރުކުރެއްވި މަތިވެރި ހިދާޔަތާއި، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ދެމިއޮތުމުގެ މަތިވެރި ޝަރަފުގެ ވާހަކަ ދެއްކުމެވެ. އެ ޝަރަފާއި ނިޢުމަތުގެ އަގުވަޒަންކޮށް، އިސްލާމީ ވަޙްދަތާއި ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަކީ މިއަދު ދިވެހި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ޤައުމީ އަދި ދީނީ ޒިންމާއެވެ.
ރާއްޖެ އިސްލާމްވުމަކީ ދިވެހީންގެ އިޖުތިމާޢީ، ސަގާފީ އަދި ސިޔާސީ ދިރިއުޅުމަށް އައި އެންމެ ބޮޑު އިންޤިލާބެވެ. ނަމަވެސް، މި ތާރީޚީ ހާދިސާއަށް 900 އަށްވުރެ ގިނަ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިސްލާމީ ރޫޙު އޮތީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެއްދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ލަޤަބު އަޅުގަނޑުމެން އުފުލާއިރު، ޢަމަލީ ގޮތުން ދީނުގެ ރުކުންތަކާއި އަޚްލާޤީ މިންގަނޑުތަކުގައި ހިފަހައްޓާ މީހުން ދަނީ މަދުވަމުންނެވެ. އެހެންކަމުން، ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާއިރު، ހަމައެކަނި ތާރީޚު ކިޔައިލުމުގެ ބަދަލުގައި، އީމާންތެރިކަން ވަރުގަދަކޮށް، އިސްލާމީ ރިވެތި އުޞޫލުތައް ދިރުވައި އާލާކުރުމަށް އަޒުމު ކަނޑައެޅުމަކީ ޤައުމީ އަދި ދީނީ ފަރުޟެކެވެ.