ދުނިޔެ
ސީރިއާގެ އިދްލިބްގައި ހަތިޔާރު ގުދަނެއް ގޮވައި މަދުވެގެން 14 މީހުން މަރުވެއްޖެ
ސީރިއާގެ އިދްލިބްގައި ހަތިޔާރު ގުދަނެއް ގޮވުން.
ސީރިއާގެ އިދްލިބް ޕްރޮވިންސްގެ ސަރްމަދާ ކައިރީގައި ހުރި ވަގުތީ ހަތިޔާރު ގުދަނެއް ގޮވައި، މަދުވެގެން 14 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ ޓީވީން ހާމަކޮށްފިއެވެ. ބުދަ ދުވަހު ހިނގި މި ހާދިސާގައި އިތުރު 11 މީހަކު ވަނީ ޒަޚަމްވެފައެވެ.
އުތުރު އިދްލިބްގެ ބުރުޖު އަލް-ނިމްރާ އަވަށުގައި ހިނގި މި ގޮވުމާ ގުޅިގެން ބޯ ދުންތައް އެ ސަރަހައްދުން ގިނަ ވަގުތުތަކެއް ވަންދެން އަރަމުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސީރިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ، މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރޭގައި ސިފައިންގެ ބައެއް އޮފިޝަލުން ވެސް ހިމެނޭ ކަމަށެވެ.
ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ގޮވުމަށްފަހު އިމަޖެންސީ ޓީމުތައް ވަގުތުން އެ ސަރަހައްދަށް ފޮނުވި ނަމަވެސް، ފަހުން ވީ ގޮވުންތަކުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ކުރަމުންދާއިރު، އެ ސަރަހައްދުން ގިނަ އަދަދެއްގެ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެރެމުންދާ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެއެވެ.
މި ގޮވުން ގޮވަން މެދުވެރިވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ސީރިއާގެ ދައުލަތުގެ ނިއުސް އޭޖެންސީ ސަނާ (SANA) އިން ބުނި ގޮތުގައި މި ގުދަނަކީ 2011 އިން 2024 އަށް ދެމިގެންދިޔަ ދާޚިލީ ހަނގުރާމައިގެ ބާވަތްތަކާއި ހަތިޔާރު ރައްކާކޮށްފައި ހުރި ތަނެކެވެ.
މީގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ވެސް އިދްލިބްގެ ބިންނިޝްގައި ހަތިޔާރު އުފުލި ވެހިކަލެއް ގޮވައި، ފަސް މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިވެއެވެ.