ދުނިޔެ

އީރާނުން އެއްބަސްވުންތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އައިއޭއީއޭ އިން މައްސަލަ ސެކިއުރިޓީ ކައުންސިލަށް ފޮނުވައިފި

އީރާނުން އެއްބަސްވުންތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އައިއޭއީއޭ އިން މައްސަލަ ސެކިއުރިޓީ ކައުންސިލަށް ފޮނުވައިފި

އައިއޭއީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2026، 06:03

10 ސެޕްޓެމްބަރު 2026، 06:03

އީރާނުން ނިއުކްލިއާ ނޮން-ޕްރޮލިފަރޭޝަން މުއާހަދާގެ ދަށުން ވެފައިވާ ވައުދުތަކަށް އަމަލުކުރަމުން ނުދާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުމަށް އދ. ގެ ނިއުކްލިއާ ވޮޗްޑޯގް (އައިއޭއީއޭ) ގެ ބޯޑް އޮފް ގަވަރުނަރުން ގަރާރެއް ފާސްކޮށްފިއެވެ.

މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެ އެޖެންސީން މިފަދަ ގަރާރެއް ފާސްކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާއާއި ޔޫރަޕުގެ ބާރުތައް ކަމަށްވާ އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތުން ތާއީދުކުރި މި ގަރާރުގައި ބަޔާންކޮށްފައިވަނީ، އީރާނުގެ ނިއުކްލިއާ މައުލޫމާތާއި ސައިޓުތަކަށް އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ވަދެވެން ނެތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާތައް ފެށުމަށް އެ އެޖެންސީން ވަނީ އީރާނަށް ގޮވާލާފައެވެ. ނަމަވެސް، އެމެރިކާއާއި އިސްރާއީލުން 2025 ވަނަ އަހަރުގެ ޖޫން މަހު ދިން ހަމަލާތަކާ ގުޅިގެން ފޯޑޯ، ނަތަންޒް އަދި އިސްފަހާން ފަދަ މުހިންމު ސައިޓުތަކަށް އެ އެޖެންސީއަށް ވަދެވިފައެއް ނުވެއެވެ.

އައިއޭއީއޭގެ މި ނިންމުން ކުށްވެރިކޮށް، އީރާނުން ވިއެނާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ މަންދޫބު ރިޒާ ނަޖަފީ ވިދާޅުވީ، މިއީ އެމެރިކާއާއި އެ ގައުމުގެ ބައިވެރިންގެ ސިޔާސީ ނުފޫޒުން ފާސްކުރި އަސާސެއް ނެތް ގަރާރެއް ކަމަށެވެ. އަދި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަން ނެތުމުން އިންސްޕެކްޓަރުންނަށް ފުރުސަތު ނުދެވުނު ނަމަވެސް، އެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓާލާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނައިބު ޚާރިޖީ ވަޒީރު ކާޒިމް ޣަރީބުއާބާދީ ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުން އީރާނުގެ ނިއުކްލިއާ ސައިޓުތަކަށް ހަމަލާދީ އިންސްޕެކްޝަން ނިޒާމަށް ހުރަސްއެޅުމަށްފަހު، އެކަން ބަހަނާއަކަށް ދައްކައިގެން ގަރާރު ފާސްކުރަމުންދާ ކަމަށެވެ. އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށާއި، މަދަނީ ބޭނުންތަކަށް ނިއުކްލިއާ ހަކަތަ ބޭނުންކުރުމުގެ ހައްގު އެ ގައުމަށް އޮންނާނެ ކަމަށެވެ.

މި މައްސަލަ އދ. ގެ ސެކިއުރިޓީ ކައުންސިލަށް ފޮނުވި ނަމަވެސް، ވީޓޯ ކުރުމުގެ ބާރު އޮންނަ ރަޝިއާއާއި ޗައިނާއިން އީރާނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ފުރުސަތު ނުދޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ޕިކްއެކްސް މައުންޓަން ކައިރީގައި ހަރަކާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެ، ހަރުކަށި ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އަނެއްކާވެސް ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450