ޚަބަރު
ލަންކާގައި ދިން ބޮމުގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ދެ ކުދިން މަރުވެއްޖެ
ސްރީލަންކާގެ ދެހިވަލާގައި ސަރުކާރުގެ މުހިންމު އޮފީސްތަކެއް ހިމެނޭ ސަރަހައްދެއް---
ސްރީލަންކާގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުން އަންނަ ދެހިވަލާ ސަރަހައްދުގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއެއްގައި، އެއް އާއިލާއަކަށް ނިސްބަތްވާ ދެ ކުދިން މަރުވެ އިތުރު ބަޔަކު ސީރިއަސް ހާލަތަކަށް ގޮސްފިއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ލަންކާގެ ކަލުބޯވިލާ ޓީޗިން ހޮސްޕިޓަލާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގައި މަރުވެފައިވަނީ އުމުރުން 11 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. މީގެ ތެރެއިން 11 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވެ މަރުވެފައިވާއިރު، 17 އަހަރުގެ ކުއްޖާ މަރުވީ އިމަޖެންސީގައި ފަރުވާދެމުން ދަނިކޮށެވެ.
މި ހަމަލާގައި މަރުވި ދެބެއިންގެ އިތުރުން، އެ ކުދިންގެ 55 އަހަރުގެ ބައްޕައަށާއި އެ ގޭގައި ދިރިއުޅޭ އެހެން ދެ ކުއްޖަކަށް ވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އެ މީހުންނަށް މިހާރު ދަނީ ކަލުބޯވިލާ ހޮސްޕިޓަލުގައި ސީރިއަސް ހާލަތުގައި ފަރުވާދެމުންނެވެ.
މި ހާދިސާ ހިނގި ދެހިވަލާ ސަރަހައްދަކީ ދިވެހިން އާންމުކޮށް ގިނައިން ދިރިއުޅޭ އަވަށެއް ނަމަވެސް، ހަމަލާ އަމާޒުވި ގެއާ ކައިރީގައި އެއްވެސް ދިވެހި އާއިލާއެއް އުޅޭކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ފުލުހުންގެ ފުރަތަމަ ތަހުގީގަށް އެނގިފައިވާ ގޮތުގައި މިއީ ގޭންގުތަކުގެ މެދުގައި ހިނގި ފައިސާގެ މައްސަލައެއް ނުވަތަ އަރައިރުމެއްގެ ސަބަބުން ދީފައިވާ ހަމަލާއެކެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
ލަންކާގެ ފުލުހުން މިހާރު ދަނީ މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދައި ހައްޔަރުކުރުމަށްޓަކައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.