ދުނިޔެ

ދޮގު ހެކިބަސް ހުށަހެޅުމުން ވަކީލަކު ޖޫރިމަނާކޮށްފި؛ ބުނީ ޗެޓްޖީޕީޓީގެ މައްސަލައެއް ކަމަށް

ދޮގު ހެކިބަސް ހުށަހެޅުމުން ވަކީލަކު ޖޫރިމަނާކޮށްފި؛ ބުނީ ޗެޓްޖީޕީޓީގެ މައްސަލައެއް ކަމަށް

ޗެޓްޖީޕީޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2026، 10:41

12 ސެޕްޓެމްބަރު 2026، 10:41

އެމެރިކާގެ ނިއު މެކްސިކޯގެ މަތީ ކޯޓަށް ހުށަހެޅި މަރުގެ މައްސަލައެއްގެ އިސްތިއުނާފު ލިޔުމެއްގައި، އޮޕަންއޭއައިގެ ޗެޓްޖީޕީޓީ  މެދުވެރިކޮށް އުފެއްދި ދޮގު ފުލުހުންގެ ބަޔާންތަކާއި ހަދައިފާވާ ހެކިވެރިންގެ ބަސްތައް ހިމެނި ވަކީލަކު އެ ކޯޓުން ޖޫރިމަނާކޮށްފިއެވެ.

ނިއު މެކްސިކޯގެ ސުޕްރީމް ކޯޓުން ބުދަ ދުވަހު ވަނީ ދިފާއީ ވަކީލު ސްޓީވަން އާރޮންސް ކޯޓުގެ ހުރުމަތް ކަނޑައިފި ކަމަށް ކަނޑައަޅައި، 5،000 އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާކޮށްފައެވެ. އަދި އޭނާގެ މި އަމަލު އިތުރަށް ތަހުގީގު ކުރުމަށްޓަކައި ވަކީލުންގެ ސުލޫކީ ބޯޑަށް ފޮނުވާނެ ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ. ކޯޓުން ފާހަގަކުރި ގޮތުގައި، އެ ލިޔުމުގައި ހިމަނާފައިވަނީ މުޅިން އަލަށް އުފައްދާފައިވާ ހެކިވެރިންގެ ދޮގު ބަޔާންތަކެކެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް ދިން ބަޔާނެއްގައި އާރޮންސް ބުނީ، މައްސަލައިގެ ޝަރީއަތް ހިނގި ގޮތުގެ ޚުލާސާއެއް ތައްޔާރުކުރުމަށް އޭނާ ޗެޓްޖީޕީޓީ ބޭނުންކުރި ކަމަށާއި، ނަމަވެސް އޭއައި އިން މިފަދަ ދޮގު މައުލޫމާތުތައް ('ހެލޫސިނޭޓް') އުފައްދާފާނެ މިންވަރު އޭނާއަށް ކުރިން ނޭނގޭ ކަމަށެވެ. އަދި މިއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި، މި ބާރުގަދަ ނަމަވެސް ބައެއް ފަހަރު އިތުބާރު ނުހިފޭ ޓެކްނޮލޮޖީ ބޭނުންކުރާ ހުރިހާ ފަންނީ ބޭފުޅުންނަށް މިއީ ލިބުނު ފިލާވަޅެއް ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައަކީ، އޭނާގެ ދަރިންގެ މަންމަ މަރާލި ކަމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އޮސްކާ ރެނޭ ސެންޑޯވަލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފެކެވެ. މި އިސްތިއުނާފު އަދިވެސް ކޯޓުގައި ކުރިއަށްދާއިރު، މިހާރު އެ މައްސަލަ ވަނީ އެހެން ޕަބްލިކް ޑިފެންޑަރަކާ ހަވާލުކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުމެއްގައި ޖަސްޓިސް ސީ. ޝެނަން ބޭކަން ވަނީ ވަކީލު ދެއްކި ވާހަކަތަކާމެދު ހައިރާންކަން ފާޅުކުރައްވައި، އޭއައި އިން އުފައްދާ ދޮގު މައުލޫމާތުތަކުގެ މައްސަލައަކީ ކޮންމެ ދުވަހަކު ޚަބަރުތަކުގެ ފަލަސުރުޚީން ފެންނަ ކަމެއްކަން ވަކީލަށް އެނގިވަޑައިނުގަތީތޯ ސުވާލު އުފައްދަވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450