ޚަބަރު
ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
ދުންފަތުގެ ބާވަތެއް ފޮޓޯ: އިންޓަނެޓް
ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކުން، މާލީ އެހީއަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ކުރެއްވި އިއުލާނެއްގައި ވަނީ، އޯގަސްޓް 14، 2026 ގައި ޢާންމުކޮށްފައިވާ، ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް މާލީ އެހީދިނުމުގެ އުޞޫލުގެ ދަށުން، ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން، މާލީ އެހީއަށްއެދި ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެންބަރު 24 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި އެހީއަށް އެދި ހުށަހެޅުމުގެ މަރުޙަލާތައް ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެގޮތުން، ފުރަތަމަ މަރުޙަލާގައި ހުށަހަޅަންޖެހެނީ ކޮންސެޕްޓް ނޯޓާއި، ޖަމްޢިއްޔާގެ ރަޖިސްޓަރީ އަދި އަސާސީ ޤަވާޢިދެވެ. ހުށަހަޅާ ކޮންސެޕްޓް ނޯޓްތައް އިވެލުއޭޓްކުރުމަށްފަހު، ޝޯޓްލިސްޓްވާ ފަރާތްތަކަށް 7 ދުވަހުގެ ތެރޭގައި އެކަން އަންގާނެއެވެ.
ދެވަނަ މަރުޙަލާގައި، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން 14 ދުވަހުގެ ތެރޭގައި ފުލް ޕްރޮޕޯސަލާއި، ބަޖެޓްގެ ތަފްޞީލު އަދި މަޞްލަޙަތު ފުށުނާރާކަމުގެ ބަޔާން ހުށަހަޅަންޖެހޭނެއެވެ. އަދި އެހީ ލިބޭ ފަރާތްތައް އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ފުލް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާތާ 60 ދުވަހުގެ ތެރޭގައެވެ.
މި އެހީއަށް އެދި ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި ހުށަހެޅުންތައް ބަލައިގަންނަމުންދަނީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އެޗްޕީއޭ އިން މަޢުލޫމާތުދެއެވެ. [email protected] އަށް އީމެއިލް ކުރެއްވުމަށް އެޗްޕީއޭއިން އެދެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް 3024595 އަށް ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ.