ދުނިޔެ

ޢިރާޤުން ފޮނުވާލި ޑްރޯން ހަމަލާތަކެއް ސަޢޫދީގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް އަމާޒުވެއްޖެ

ޢިރާޤުން ފޮނުވާލި ޑްރޯން ހަމަލާތަކެއް ސަޢޫދީގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް އަމާޒުވެއްޖެ

ސަޢޫދީގެ އީސްޓް-ވެސްޓް ތެޔޮ ހޮޅި ސަރަހައްދު ދައްކައިދޭ މެޕް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2026، 12:21

12 ސެޕްޓެމްބަރު 2026، 12:21

ޢިރާޤުގެ ސަރަޙައްދުން ފޮނުވާލި ޑްރޯންތަކެއް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް އަމާޒުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިން ތެޔޮ ފޮނުވުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ސަޢޫދީ ޚާރިޖިއްޔާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާޟާއި މަދީނާ ސަރަޙައްދުގައިވާ ތެޔޮ ހޮޅިއަށް ޢަމާޒުކޮށް ޢިރާޤުން ފޮނުވާލި ގިނަ ޢަދަދެއްގެ ޑްރޯންތަކުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ، މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ނަމަވެސް ބަޣުދާދުގެ އެދުމުގެ މަތިން މިވަގުތަށް ބަދަލުހިފުމުގެ ހަމަލާއެއް ނުދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ސަޢޫދީ ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި، ޢިރާޤުގެ ބިމުން ސަޢޫދީއަށާއި އަވަށްޓެރި ޤައުމުތަކަށް ދެވޭ ހަމަލާތައް ހުއްޓުވުމަށް އެޤައުމުގެ ސަރުކާރަށް ފުރުޞަތު ދިނުމަށް ޢިރާޤުގެ ބޮޑުވަޒީރު އެދިވަޑައިގެންފައިވާތީ، އެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މިވަގުތު ރައްދު ނުދިނުމަށް ސަޢޫދީން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ޤައުމުގެ ސިޔާދަތާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޙައްޤު ސަޢޫދީއަށް ލިބިގެންވާ ކަމަށް ބަޔާނުގައި ވެއެވެ.

މި ނިންމުމަށް މަރުޙަބާ ކިޔައި ޢިރާޤުގެ އަސްކަރިއްޔާއިން ވަނީ މި ހަމަލާ ކުށްވެރިކޮށް، ދެޤައުމުގެ ގުޅުމަށް ބުރޫއަރާނެ އެއްވެސް ޢަމަލަކަށް ފުރުޞަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި ތަޙުޤީޤުތަކުން މި ހަމަލާތައް ފޮނުވާލާފައިވަނީ ޢިރާޤުގެ ދެކުނު މައިސާން ޕްރޮވިންސުންކަން ކަށަވަރުވުމާ ގުޅިގެން، އެ ސަރަޙައްދުގެ އޮޕަރޭޝަންސް ކޮމާންޑަރު މަޤާމުން ވަކިކޮށް، މައްސަލަ ބެލުމަށް ތަޙުޤީޤީ ކައުންސިލެއް އުފެއްދުމަށް ބޮޑުވަޒީރު ޢަލީ އަލްޒައިދީ ވަނީ އަމުރުކުރައްވާފައެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުޙައްމަދު އަލްބުދައިވީ ވަނީ މިއީ ސަޢޫދީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތެރި އަދި ބަލައިނުގަނެވޭނެ ހަމަލާއެއް ކަމަށް ވިދާޅުވެ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު މިފަދަ ޢަމަލުތައް ހުއްޓުވުމަށް ޢިރާޤުން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ. އަދި ޖީސީސީން ސަޢޫދީއާއެކު ސާބިތުކަމާއެކު އޮތްކަން އޭނާ ހާމަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450