Ads by Farudhun

ޚަބަރު

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓަރވުމަށް މީރާއިން އަންގައިފި

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓަރވުމަށް މީރާއިން އަންގައިފި

މީރާ. ފޮޓޯ: ސަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ސެޕްޓެމްބަރު 2026، 02:43

12 ސެޕްޓެމްބަރު 2026، 02:43

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ވިޔަފާރިތަކުން ޖީއެސްޓީއަށް ރަޖިސްޓްރީވުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފިއެވެ.

'ޑެސްޓިނޭޝަން ޕްރިންސިޕަލް' އުސޫލުން މި ޓެކްސް ނަގަން ފެށުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އެންމެ ފަހުގެ އިސްލާޙުގައިވާ ގޮތުން، ރާއްޖެއިން ބޭރުގެ ބުކިންގ ޕްލެޓްފޯމުތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގޭނެއެވެ. މި ޤާނޫނަށް ޢަމަލުކުރުމުގެ މަސައްކަތް މީރާއިން ފަށާފައިވާއިރު، އެ އިދާރާއިން ނެރުނު ސާކިއުލާއެއް މެދުވެރިކޮށް މިހާރު ވަނީ ޖީއެސްޓީއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މީރާގެ ސާކިއުލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެތެރޭގައި ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ކުރާ ދަތުރުފަތުރާއި، ފަތުރުވެރިންގެ ކެއިންބުއިމުގެ އިތުރުން އެކޮމޮޑޭޝަން ނުވަތަ ހުރުމުގެ އިންތިޒާމުތަކެވެ. އެހެންކަމުން، ބޭރު ޤައުމެއްގައި ރަޖިސްޓްރީވެފައިވީ ނަމަވެސް، މިފަދަ އެއްވެސް ޚިދުމަތެއް ރާއްޖޭގައި ދޭނަމަ ޖީއެސްޓީ ދައްކަންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން، ޖީއެސްޓީއަށް ރަޖިސްޓްރީވާންޖެހޭ ފަރާތްތަކުގެ ތަފްޞީލު މީރާއިން ސާފުކޮށްދީފައިވާއިރު، އެ އިދާރާއިން ފާހަގަކޮށްފައިވާ ލިސްޓުގެ ބޭރުންވެސް ރާއްޖޭގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ އިތުރު ފަރާތްތައް ހިމެނިދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެތެރޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ވިއްކާ ފަރާތްތައް:

  1. ބޭރުގެ ޓުއަރ އޮޕަރޭޓަރުން
  2. ބޭރުގެ ޓްރެވަލް އޭޖެންޓުން
  3. އޮންލައިން ޓްރެވަލް އެޖެންސީތައް
  4.  ބެޑް ބޭންކުތައް
  5. އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތައް
  6. ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތައް
  7. ޗާޓަރު އޮޕަރޭޓަރުން
  8. ބުކިންގ ޕްލެޓްފޯމްތައް ފަދަ ފަރާތްތައް

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ ޕްރޮޑަކްޓްތަކުގެ އޭޖެންސީ ނުވަތަ ބުކިންގ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށް މީރާއިން ބުނެއެވެ. އޭގެ ތެރޭގައި އޮންލައިން ޓްރެވަލް އެޖެންޓުންނާއި، ބުކިންގ ޕްލެޓްފޯމުތަކުގެ އިތުރުން އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭ ފަރާތްތައް ފަދަ ވިޔަފާރިތައް ހިމެނޭނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.

ރާއްޖެއިން ބޭރުގައި ހިންގާ ފަރާތްތަކަށް ޓޫރިޒަމް ޖީއެސްޓީއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މީރާއިން ހުޅުވާލާފައިވާއިރު، މި ރަޖިސްޓްރޭޝަން ކުރިއަށްގެންދަން ޖެހެނީ މީރާގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލްއަށް މިހާރު މީރާގެ ވެބްސައިޓު މެދުވެރިކޮށް ވަދެވޭނެއެވެ. ރަޖިސްޓްރީވުމުން ޖީއެސްޓީ ދެއްކުމަށް ބޭނުންވާ ޖީއެސްޓީ ޓިން ނަންބަރު ހިމެނޭ ރަޖިސްޓްރޭޝަން ސެޓްފިކެޓް އެ ފަރާތަކަށް ދޫކުރެވޭނެއެވެ. އަދި މީރާ-ކަނެކްޓުގައި އެކައުންޓެއް ހަދައި ޖީއެސްޓީގެ އެންމެހައި މުޢާމަލާތްތައް ކުރިއަށްގެންދިއުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ރަޖިސްޓްރީވުމުގެ ހުރިހާ މަރުޙަލާއެއް ތަފްޞީލުކޮށްދޭ ގައިޑެއްވެސް މީރާގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

މީރާއިން މަޢުލޫމާތު ދިން ގޮތުގައި ޖީއެސްޓީއަށް ރަޖިސްޓްރީވާ ބޭރުގެ ފަރާތްތަކަށް އެހީތެރިވުމަށް ޚާއްޞަ އީމެއިލެއްވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. އަދި މި އީމެއިލް މެދުވެރިކޮށް މިކަމާ ގުޅިގެން އުފެދޭ އެކި ސުވާލުތަކަށާއި ކަންބޮޑުވުންތަކަށް މީރާއިން ޖަވާބުދެމުން ގެންދާނެ ކަމަށް އެ އިދާރާއިން ބަޔާންކުރެއެވެ.

ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީވުމާ ގުޅޭގޮތުން މުޢާމަލާތްކުރަން ޖެހޭނީ [email protected] އަށެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450