ޚަބަރު
މި ދައުރުގައި އިސްލާމީ ދާއިރާ ތަރައްޤީކުރަން ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލު ޑރ. ޝަހީމް ޙިއްޞާކުރައްވައިފި
ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިސްލާމްދީން ކުރިއެރުވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޙިއްޞާކުރައްވައިފިއެވެ.
ވަޒީރު މި މަސައްކަތަތްކުގެ ތަފްސީލުތައް ފާހަގަކުރެއްވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލަސާގައި އެމަނިކުފާނުދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ވަޒީރު ވަނީ 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް އިންތިޚާބުވުމާއިއެކު ރިޔާސީ މެނިފެސްޓޯގައި ރާއްޖޭގެ އިސްލާމީ މުސްތަގުބަލު ހިމާޔަތްކުރެއްވުމަށް ވަރަށް މުހިންމު އިސްތިރާޖީ ކަންތައްތަކެއް ކަނޑައަޅުއްވާފައިކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ވަޒީރު ވަނީ ވޭތުވެ ދިޔަ ދެ އަހަރު ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިއީ މުސްތަގުބަލުގައި އަންނަން އޮތް ޖީލުތަކަށް މި ޤައުމަކީ އިސްލާމީ ގައުމެއްގެ ގޮތުގައި ވާސިލުކޮށްދޭނެ ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ.
"މާޒީވެ ދިޔަ ތާރީހުގައި ދުވަހަކު ވެސް، ޒަކާތާއި ބެހޭ ޤާނޫނެއްގެ ތެރެއިން ޒަކާތުގެ ކަންކަން އިންތިޒާމުކުރެވިފައެއް ނެތް. ޒަކާތަށް ޤާނޫނެއްގެ ތެރެއިން ވަކި އިދާރާއެއް ގާއިމުކުރެވިފައެއް ނެތް، މިހާރު ނޫނިއްޔާ. ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި މިކަން ބަޔާންކުރައްވާ އެކަމަށް އަމަލީ ސިފަގެނެވި. ޒަކާތަށް ވަކިން ހާއްސަ އިދާރާއެއް ދިވެހިރާއްޖޭގަ ޤާއިމުކުރެވި، އަދި ޒަކާތް އިންތިޒާމުކުރުމަށް ވަކިން ހާއްސަ ޤާނޫނެއް އެކުލަވާލެވި، އެކަންކަން ކުރެވެމުން އެބަދޭ"
ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން ޒަކާތުގެ ކަންކަމަށް އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށާއި، އެއް އަހަރުން އަނެއް އަހަރަށް ޒަކާތު މުދާ އިތުރުވެ، އޭގެ ނަފާ ރައްޔިތުންނަށް ލިބިގެންދާކަމުގައި ވަޒީރު ވިދާޅުވިއެވެ.
6 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، މި ސަރުކާރުން ވަނީ މިދިޔަ އަހަރު ޒަކާތު ސްކޮލަރޝިޕްދޭން ފަށާފައި ކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ އިދާރާތަކާއި، މުވައްސަސާތަކާއި، ޔުނިވާސިޓީތަކާއި، މާލީ އިދާރާތާކުގެ އިތުރުން، އިސްލާމީ ގޮތުން ބޭނުންވާ ހުރިހާ ދާއިރާއަކުން ޒުވާނުން ތަމްރީނުކުރުވުމުގެ މާލީ ތަނަވަސްކަން ލިބުނުކަމަށް ވަޒީރު ވިދާޅުވިއެވެ.
ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ޙައްޖުވެރިންނަށް ލިބެމުންދާ ލުއިފަސޭހަތައް އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރި ފަރާތްތަކަށް ސާފުވާނެ ކަމަށާއި، މި ބަދަލުތައް ގެނެވުނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފެށުނު އެންމެ ބިޔަ ވަޤުފު މަޝްރޫޢުތައް މިހާރު ހިނގަމުންދާކަން ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހުރިހާ ޢިމާރާތްތަކެއް ނިންމައި ޚިދުމަތަށް ގެނައުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޤުފު ޢިމާރާތްތައް އަޅައި، އެ ވިއުގަ މުޅި ޤައުމަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ޚާއްޞަކޮށްގެން 15 ފަންގިފިލާގެ ވަޤުފު ޢިމާރާތެއް ބިނާކުރަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 'ނޫރު ބިލްޑިންގ' ގެ ނަމުގައި ހަދާ މި ޢިމާރާތުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
"މިކަންކަމުގެ ނަތީޖާއަކީ އެތައް ސަތޭކަ މިލިއަން ރުފިޔާ ދިވެހިރާއްޖޭގެ ވަގުފު ފަންޑަށް ޖަމާވެގެންދިއުން. މީގެ ނަތީޖާއަކީ މުޅި ގައުމަށް އިސްލާމީ ހިދާޔަތުގެ އަލިކަން ފެތުރުމަށް ބޭނުންވާ ފައިސާ ދިވެހި ދައުލަތަށް ލިބުން. ﷲ ސުބުހާނަހޫ ވަތައާލާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރު ފަހުން ދިވެހިރާއްޖެ އެ ދުވަސްތައް ދެކޭނެ،"
ވަޒީރު ވިދާޅުވިއެވެ.
ޙާފިޡުންނަށް ދެވޭ އެލަވަންސް އިތުރުކުރުމާއެކު، މި ވެރިކަމުގެ ދައުރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ޢަދަދަކަށް ޙާފިޡުން ބިނާކުރެވޭ ދައުރު ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ލަނޑުދަނޑިއަކީ ރާއްޖޭގެ ޙާފިޡުންގެ ޢަދަދު 500 އަށް މަތިކުރެއްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި 68 މިސްކިތެއްގައި ދާއިމީކޮށް އިމާމުވެ ނަމާދުކުރާނެ މީހުން ނެތްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޒުވާން ޚަޠީބުންނާއި ޙާފިޡުންގެ އިތުރުން އިމާމުން ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށްޓަކައި 30 ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާއިރު، އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަރުޙަލާ ކުރިއަށްދާ ކަމަށާއި، އަދި ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އަލަށް 50 ތަނެއްގެ މަސައްކަތް ހިމެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ޤުރުއާން މުބާރާތްތައް ބާއްވަމުން އައީ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ނަމަވެސް، މިހާރު ޤައުމީ ފެންވަރުގައި އެންމެ ބޮޑު އިނާމެއް ދެވޭ މުބާރާތަކަށް ޤުރުއާން މުބާރާތް ހަމަޖައްސަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.