ޚަބަރު
ސައޫދީގެ ތެޔޮ ހޮޅިއަކަށް ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ސައޫދީގެ ތެޔޮ ހޮޅިއަކަށް ހަމަލާ ދިނުމުގެ ކުރިންނާއި ފަހުން.
ޢިރާޤުގެ ސަރަޙައްދުގެ ތެރެއިން ފޮނުވާލި ޑްރޯންތަކެއް ބޭނުންކޮށްގެން ސައޫދީ ޢަރަބިއްޔާގެ ތެޔޮ ހޮޅިއަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާ، ދިވެހިރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ސައުދީ ޢަރަބިއްޔާގެ ރިޔާޟާއި މަދީނާ ސަރަޙައްދުގައިވާ އީސްޓް-ވެސްޓް ޕައިޕްލައިނަށެވެ. މި ހަމަލާތަކުގެ ސަބަބުން ޢާންމުންނަށް އަނިޔާވެ، ޕައިޕްލައިނަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވަނީ، ޢުމްރާނީ ވަސީލަތްތަކަށް ދެވޭ ހަމަލާތަކަކީ ސައުދީ ޢަރަބިއްޔާގެ ސިޔާދަތާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުން ކަމަށެވެ. އަދި މިއީ މުޅި ސަރަޙައްދުގެ ޞުލްޙައާއި، އަމާންކަމާއި އަދި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދިވެހިރާއްޖެއިން ދެކޭކަން ވެސް ވަނީ ބަޔާންކޮށްފައެވެ.
ރާއްޖެއިން ވަނީ މި ދަނޑިވަޅުގައި ސައުދީ ޢަރަބިއްޔާގެ ސަރުކާރާއި، އަޚުވަންތަ ރައްޔިތުންނާއެކު ސާބިތުކަމާއެކު ތިބިކަން ތަކުރާރުކޮށް ހާމަކޮށްފައެވެ. މީގެއިތުރުން، އެ ޤައުމުގެ ސިޔާދަތާއި، ރައްކާތެރިކަމާއި، ސަރަޙައްދީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ޓަކައި އަޅާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ސައުދީ އަރައްބިޔާއަށް ލިބިގެންދާ މިފަދަ ހަމަލާތައް ދިވެހި ސަރުކާރުން ގެންދަނީ އަބަދުވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުންނެވެ.
މި ހަމަލާއާއި ގުޅިގެން ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޑްރޯން ބޭނުންކޮށްގެން އެ ގައުމުގެ ތެޔޮ ހޮޅިތަކަށް އަމާޒުކޮށް ހަމަލާދީފައިވަނީ އިރާގުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕަކުންނެވެ. މި ހަމަލާގެ ސަބަބުން ތެޔޮ ހޮޅިތަކަށް ގެއްލުން ލިބުމުގެ އިތުރުން އިންސާނީ ފުރާނަތަކަށް ވެސް ނުރައްކާ ކުރިމަތިވި ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.
"އީސްޓް-ވެސްޓް ޕައިޕްލައިން" އަކީ ހޮރްމުޒް ކަނޑުއޮޅިއަށް ބަރޯސާނުވެ، ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ބަނދަރަށް ތެޔޮ އެކްސްޕޯޓް ކުރުމުގެ މަގްސަދުގައި ސައޫދީގެ އިރުމަތީ ޕްރޮވިންސުން ސާފުނުކުރާ ތެޔޮ ގެންދިއުމަށް ބޭނުންކުރާ މުހިންމު ނިޒާމެކެވެ.
އިރާގުގެ ބޮޑުވަޒީރު އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އިހުތިރާމްކޮށް، މި ދަނޑިވަޅުގައި ބަދަލުހިފުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ސައޫދީން ވަނީ ނިންމާފައެވެ.