ދުނިޔެ
މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، އީރާނުގެ އުޅަނދަކަށް ހަމަލާދީފި: ބާބުލް މަންދަބްގައި ހަނގުރާމަ ވަރުގަދަވަނީ
ސީ ޕޯޓްގައި މަސައްކަތް ކުރާ ފުލުހުން - ފޮޓޯ: އަލްޖަޒީރާ
މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުތަކުގައި ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އީރާނުގެ ވިޔަފާރި އުޅަނދަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދީފިއެވެ.
އީރާނުގެ ގޭޝްމް އައިލެންޑް ކައިރިން ދަތުރުކުރަމުން ދިޔަ އެ ޤައުމުގެ ވިޔަފާރި އުޅަނދަކަށް ދިން މި ހަމަލާގައި އެކަކު މަރުވެ، އިތުރު ތިން މީހަކު ވަނީ ޒަޚަމްވެފައެވެ. އީރާނުގެ އޮފިޝަލުން މި ހަމަލާގެ ޒިންމާ އަޅުވާފައިވަނީ އެމެރިކާގެ ބާރުތަކުގެ ބޮލުގައެވެ. އަދި މިއީ އެމެރިކާގެ "ޓެރަރިސްޓް ދުޝްމަނުން" ދިން ފިނޑި ހަމަލާއެއްގެ ގޮތުގައި އެ ފަރާތުން ވަނީ ސިފަކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ކަނޑުދަތުރުފަތުރުގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، އަންނަ ހޯމަ ދުވަހު އޮމާންގައި ގަލްފުގެ ގައުމުތަކާއެކު އީރާނުން ބައްދަލުވުމެއް ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
މީގެއިތުރުން، ރަތްކަނޑުގެ އައްސޭރިފަށުގައި އޮންނަ މުހިންމު ސަރަހައްދެއް ކަމަށްވާ ބާބުލް މަންދަބް ކޮންޓްރޯލް ކުރުމަށްޓަކައި، ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިންނާއި، ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުގެ ސިފައިންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. ދެފަރާތުގެ ދެމެދުގައި ކުރިއަށްދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން އެ ސަރަހައްދުގެ ވިޔަފާރި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ޔަމަނުގެ އާންމު ރައްޔިތުންނަށެވެ. އެގޮތުން ހަނގުރާމަ ވަރުގަދަވުމުގެ ސަބަބުން އެތައް ހާސް ރައްޔިތުންނެއް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ. މީގެ ސަބަބުން، ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު އެއް އިންސާނީ ކާރިސާ އިތުރަށް ގޯސްވެ، އެތައް ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.