ދުނިޔެ

ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް ހޫޘީން ހިފުމުން އީރާނުން އުފާފާޅުކޮށްފި

ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް ހޫޘީން ހިފުމުން އީރާނުން އުފާފާޅުކޮށްފި

ޔަމަނުގެ ހޫޘީންގެ ބައެއް އީރާނުގެ ދިދަ އުފުލަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ސެޕްޓެމްބަރު 2026، 01:19

13 ސެޕްޓެމްބަރު 2026، 01:19

ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި މުހިންމު ރަށްތައް ހޫޘީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން އީރާނުގެ އިސް އޮފިޝަލުންނާއި ދައުލަތުގެ މީޑިއާތަކުން އެކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށް އުފާފާޅުކޮށްފިއެވެ.

 މި ކާމިޔާބީގެ ސަބަބުން ކަނޑުދަތުރުފަތުރުގެ މުހިންމު މަގެއް ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅީގެ ބޮޑު ކޮންޓްރޯލެއް ހޫޘީންނަށް މިހާރު ވަނީ ލިބިފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ތަރުޖަމާނު ހުސައިން މުހައްބީ އެކްސްގައި ވިދާޅުވީ، ހުޅަނގު އައްސޭރީގައި ހޫޘީން ހޯދި މި ކާމިޔާބީއަކީ މާތްﷲ ދެއްވި ނަސްރެއް ކަމަށާއި އެތައް އަހަރެއްގެ ސާބިތުކަމުގެ ނަތީޖާ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޤާލީބާފާއި ފަސްޓް ވައިސް ޕްރެޒިޑެންޓް މުހައްމަދު ރިޒާ އާރިފް ވެސް ވަނީ ހޫޘީންގެ ކުރިއެރުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ހުކުރު ދުވަހު ބަނދަރުމަތީ ރަށެއް ކަމަށްވާ މޯކާ ހޫޘީންގެ ދަށަށް ދިއުމަކީ ސައޫދީގެ އެހީތެރިކަން ލިބޭ ޔަމަނުގެ ސަރުކާރަށް ލިބުނު ބޮޑު ދެރައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަނޑުއޮޅީގެ ކޮންޓްރޯލާއި އީރާނަށް ލިބޭނެ ފައިދާތައް
ހޫޘީން ރަތްކަނޑުގެ އައްސޭރިފަށާއި، އައްސޭރިން 3 ކިލޯމީޓަރު ބޭރުގައި އޮންނަ މައްޔޫން ރަށް (ޕެރިމް) ހިމެނޭހެން ގިނަ ރަށްތަކެއްގެ ބާރު ހޯދުމާއެކު، ބާބުލް މަންދަބް ކަނޑުއޮޅިއަށް ފަސޭހައިން ހަމަލާދިނުމުގެ ފުރުސަތު އެ ޖަމާއަތަށް ލިބިގެންދެއެވެ. ހޫޘީންގެ ކޮމާންޑަރަކު ބުނެފައިވާ ގޮތުގައި މިހާރު އުޅަނދުފަހަރަށް ހަމަލާދިނުމަށް މިސައިލާއި ޑްރޯން ބޭނުންކުރުމުގެ ބަދަލުގައި އައްސޭރީގައި ބަހައްޓާފައިވާ ބޮޑުބަޑިތައް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ ސައޫދީގެ އުޅަނދުތައް ފިޔަވައި އެހެން ހުރިހާ ކުންފުނިތަކުގެ އުޅަނދުތަކަށް ދަތުރުފަތުރު ކުރުމުގެ ރައްކާތެރިކަން އޮންނާނެ ކަމަށެވެ.

އަނެއްކޮޅުން، ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ބޭނުންކުރަމުންދާ ފަދައިން، ބާބުލް މަންދަބްގެ ކޮންޓްރޯލް ހޫޘީންނަށް ލިބުމަކީ އެމެރިކާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނަށް ލިބޭނެ ބޮޑު ބާރެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންނަމަވެސް، އީރާނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ހޫޘީންނަކީ އަމިއްލަ އިޚްތިޔާރުގައި ނިންމުންތައް ނިންމާ ބައެއް ކަމަށާއި، މިއީ އެތައް އަހަރެއް ވަންދެން ދެމިގެންދިޔަ ހިސާރުކުރުމުގެ ސަބަބުން ޔަމަނުގެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގި ކަމެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450