ޚަބަރު
ރާއްޖެ އިސްލާމްވި ދުވަހުގެ ލޯގޯއާއި ޝިޢާރު އިފްތިތާހުކޮށްފި
ރޭ ބޭއްވުނު ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
ރާއްޖެއަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ލިބުނުތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ޓަކައި ބޭނުންކުރާނެ ރަސްމީ ލޯގޯއާއި ޝިޢާރު އިފްތިތާހުކޮށްފިއެވެ.
މި މުނާސަބަތާ ގުޅިގެން ރޭ ބޭއްވުނު ޚާއްޞަ ޖަލްސާގައި، މި ލޯގޯއާއި ޝިޢާރު ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިޔާރަކީ، "އިސްލާމީ ނޫރުގައި 9 ޤަރުނު - ދިވެހީންގެ ނަސީބާއި އުފާ" މި ޝިޢާރެވެ. އަދި މި ޖަލްސާގައި ދައްކާލެވުނު ލޯގޯއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެއް އަހަރުގެ މުއްދަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯއެކެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރުމުގެ މަޤްޞަދުގައި، އަހަރުގެ އެކި ދުވަސްވަރުތަކަށް ބަހާލައިގެން މުހިންމު ގިނަ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 15 ހަރަކާތެއް ހިންގުމަށް ރޭވިފައިވާއިރު، މި ހުރިހާ ހަރަކާތްތަކަކީ ވެސް ކޮންމެ އުމުރެއްގެ މީހަކަށްވެސް ބައިވެރިވެވޭނޭހެން އިންތިޒާމުކުރެވޭ ހަރަކާތްތަކެކެވެ.
މި މުނާސަބަތާ ގުޅިގެން ރާވާފައިވާ ކަންކަމުގެ ތެރޭގައި، ރާއްޖެ އިސްލާމްވި ތާރީޚީ ހަނދާންތައް ދިރުވައިދޭނެ ދާއިމީ ބިނާއެއް (މޮނިއުމަންޓެއް) މާލެ ސަރަޙައްދުގައި ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ އިސްލާމީ ވިޔަފާރި މަޢުރަޒަކާއި، ޤައުމީ ޤުރްއާން ފެސްޓިވަލަކާއި، ޤައުމީ ފެންވަރުގެ އިސްލާމީ މަޢުލޫމާތު މުބާރާތެއް ވެސް ކުރިއަށްދާނެއެވެ.
މިއީ އިސްލާމީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމާއެކު އިސްލާމީ ފަންނުވެރިކަމާއި ޢިލްމީ ދިރާސާތައް ކުރިއަރުވައި، ބައިނަލްއަޤްވާމީ އިސްލާމީ އުއްމަތާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް އަންނަންއޮތް ޖީލުތަކުގެ މެދުގައި އިސްލާމީ އަޤީދާއާއި ދީނީ ވަހުދަތު ހަރުދަނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދެވޭ ހަރަކާތްތަކެކެވެ.