ޚަބަރު
ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް
ރައްޔިތުންގެ މަޖިލިސް. ފޮޓޯ: މަޖިލިސް
69 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް (ސީ.ޕީ.ސީ) ގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވި ގޮތުގައި، ސައުތު އެފްރިކާގެ ޤާނޫނު ހަދާ މަޖިލީހާއި ސީ.ޕީ.އޭ ސައުތު އެފްރިކާ ބްރާންޗުން އިންތިޒާމުކުރާ މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 13 އިން 19 އަށް، ސައުތު އެފްރިކާގެ ކޭޕް ޓައުންގައެވެ.
މަޖިލިސް އިދާރާއިން ވިދާޅުވީ، މި ކޮންފަރެންސްގައި، ޕާލިމެންޓަރީ ޑިމޮކްރަސީއާއި، ހިންގުމުގެ ނިޒާމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އިތުރުން ދެފަރާތުގެ މަޞްލަޙަތު ހިމެނޭ އެހެނިހެން މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ކޮމަންވެލްތުގެ އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ދިއްގަރު ދާއިރާގެ މެންބަރު އަދި ސީ.ޕީ.އޭ އޭޝިއާ ރީޖަނަލް ރެޕްރެޒެންޓެޓިވް އަޙްމަދު ނާޡިމް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ، އަދި މަޖިލީހުގެ އިދާރާގެ ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ އަލްފާޟިލާ ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.