ކުޅިވަރު
ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ގ.ދ. އަތޮޅުގެ ޝީލްޑު ވާދޫއަށް
ވާދޫއިން ގ.ދ. އަތޮޅުގެ ޝީލްޑް އުފުލާލުން / ފޮޓޯ: އައިލީ ވިޝުއަލްސް
އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ގާފު ދާލު އަތޮޅު ބުރުގެ ފައިނަލްގައި ފަރެސްމާތޮޑާ ބަލިކޮށް، ވާދޫން އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މުބާރާތުގެ ގާފު ދާލު އަތޮޅު ބުރުގައި ބައިވެރިވީ ދެ ޓީމު ކަމަށްވުމުން، ވާދޫ އާއި ފަރެސްމާތޮޑާ ބައްދަލުކުރީ ސީދާ ފައިނަލް މެޗުގައެވެ.
ވާދޫއިން މެޗު ފެށި ވަރުގަދަކޮށެވެ. އެގޮތުން އިދިކޮޅު ހާފުން ލިބުނު ހުސްޖާގައިގެ ބޭނުންހިފައި، މެޗުގެ 13 ވަނަ މިނެޓުގައި ލަހުފާން މުޙައްމަދު ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ.
ވާދޫން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފު ފެށުނުތާ މާގިނައިރުތަކެއް ނުވަނީހެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ އާހިލް އަލީއެވެ. ވާދޫން މެޗު ކޮންޓްރޯލް ކުރަމުން ދިޔައިރު، މުޙައްމަދު އިޔާދު ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
ހިތްވަރު އެލުވާނުލައި ފަރެސްމާތޮޑާ ޓީމުން ކުރަމުންދިޔަ މަސައްކަތުން ފުލުފުލުގައި އުފެއްދި ހަމަލާތަކަކަށްފަހު، ޢަލީ ޝަހުމް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް، ވާދޫން ވަނީ ހަމަޖެހިލައިގެން ކުޅެ، މެޗު ނިމެންދެން އެ ޓީމުގެ ލީޑު ދަމަހައްޓާފައެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ޢަބްދުﷲ އާހިލް އަލީއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑު ދެއްކުމުން، ވާދޫ ޓީމަށް މެޗުގެ ފަހު މިނެޓުތައް ފުރިހަމަކުރަން ޖެހުނީ އެކަކު މަދުކޮށެވެ.
ކުޅުންތެރިއަކު މަދުވި ނަމަވެސް، ވާދޫން ވަނީ ހިތްވަރާއެކު ކުޅެ، ގާފު ދާލު އަތޮޅުގެ އައްޑަނަ ކާމިޔާބުކޮށްފައެވެ.