ދުނިޔެ

ސަޢޫދީގެ ތެޔޮ ހޮޅިއަށް ޙަމަލާދިން ޑްރޯން ޕްލެޓްފޯމް ޢިރާޤުން އަތުލައިގެންފި

ސަޢޫދީގެ ތެޔޮ ހޮޅިއަށް ޙަމަލާދިން ޑްރޯން ޕްލެޓްފޯމް ޢިރާޤުން އަތުލައިގެންފި

ދެކުނު އިރާގުގެ މައިސާން ޕްރޮވިންސްގެ މަތިން ރޯޔަލް އެއާ ފޯސްގެ ޕޫމާ ހެލިކޮޕްޓަރެއް ދަތުރުކުރަނީ. ފޮޓޯ:އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ސެޕްޓެމްބަރު 2026، 04:22

13 ސެޕްޓެމްބަރު 2026، 04:22

ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި ބޭނުންކުރި ކަމަށް ބެލެވޭ ޑްރޯން ފޮނުވާ ޕްލެޓްފޯމެއް ހޯދައި، އެތަކެތި އަތުލައިގެންފައިވާ ކަމަށް ޢިރާޤުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މި ޙަމަލާ ދީފައިވަނީ ޢިރާޤުގެ ސަރަޙައްދުގެ ތެރެއިންނެވެ.

ޢިރާޤުގެ ސެކިއުރިޓީ މީޑިއާ ސެލްގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ސަޢުދު މަޢާން ވިދާޅުވި ގޮތުގައި، ޖާސޫސީ އަދި ސަލާމަތީ ޓާސްކް ފޯހަކުން ވަނީ މި ލޯންޗިންގ އިކުއިޕްމަންޓްތައް ހޯދައި އަތުލައިގެންފައެވެ. އަދި މި ޙަމަލާގެ ފަހަތުގައި ތިބި ބަޔަކު ދެނެގަތުމަށް ފޮރެންސިކް އަދި ޓެކްނިކަލް މާހިރުން މަސައްކަތް ކުރަމުންދާ ކަމަށާއި، މި ތަޙުޤީޤުގައި ބައިވެރިވުމަށް އީރާނުން އެދުނު އެދުމަށް ޢިރާޤުގެ ކޮމާންޑަރ-އިން-ޗީފް ހުއްދަ ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ޖާސޫސީ މަޢުލޫމާތު ޙިއްޞާކުރުމަށް ސަޢޫދީގެ ކަމާބެހޭ ފަރާތްތަކާއެކު ސީދާ ގުޅުން ބަހައްޓަމުންދާ ކަމަށް މަޢާން ފާހަގަކުރެއްވިއެވެ.

ސަޢޫދީގެ ރިޔާޟާއި މަދީނާ ސަރަޙައްދުގައިވާ ތެޔޮ ހޮޅިއަށް ބުރާސްފަތި ދުވަހު ދިން މި ޙަމަލާގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ސަޢޫދީން ބުނެއެވެ. ދުނިޔޭގެ ތެޔޮ ސަޕްލައިގެ ގާތްގަނޑަކަށް 4 އިން 5 އިންސައްތަ އުފުލާ މި ހޮޅީގެ ޚިދުމަތް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ބަޣުދާދުގެ އެދުމުގެ މަތިން މިވަގުތަށް ބަދަލުހިފުމުގެ ޢަމަލެއް ނުހިންގުމަށް ސަޢޫދީން ވަނީ ނިންމާފައެވެ.

ސަޢޫދީން ތަޙުޤީޤުކުރި ގޮތުގައި މި ޙަމަލާ ފޮނުވާލާފައިވަނީ އީރާނުގެ ބޯޑަރު ކައިރީގައި އޮންނަ ޢިރާޤުގެ މައިސާން ޕްރޮވިންސުންނެވެ. އަމާޒުކުރެވުނު ސަރަޙައްދުތަކަކީ 800 އާއި 1,100 ކިލޯމީޓަރު ދުރުގައި ހުރި ތަންތަން ކަމަށްވާތީ، މިއީ ދުރު ރާސްތާގެ އެޑްވާންސްޑް ޑްރޯންތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޙާދިސާއާ ގުޅިގެން ޢިރާޤާއި އީރާނާ ދެމެދު އޮންނަ ބައެއް ބޯޑަރު ކްރޮސިންގތައް ވަގުތީގޮތުން ބަންދުކުރިއެވެ.

މި ޙަމަލާއާ ގުޅިގެން ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އަލްޒައިދީ ވަނީ ބޯޑަރު ސަރަޙައްދުތަކުގެ އަސްކަރީ ކޮމާންޑަރުންގެ މަޤާމުތަކަށް ބަދަލުތަކެއް ގެންނަވާފައެވެ. މީގެ ތެރޭގައި މައިސާންގެ އޮޕަރޭޝަންސް ކޮމާންޑަރާއި ޕޮލިސް ޗީފް ވަކިކޮށް، އެ ސަރަޙައްދުގެ އިސް ސަލާމަތީ ކޮމާންޑަރުންތަކެއްގެ މައްސަލަ މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450