Ads by Farudhun

ޚަބަރު

2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލާނެ: ޑރ. ޝަހީމް

2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލާނެ: ޑރ. ޝަހީމް

ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ސެޕްޓެމްބަރު 2026، 08:58

14 ސެޕްޓެމްބަރު 2026، 08:58

މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، ރާއްޖޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ފިލައިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ،  ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ،  މިސްކިތްތައް ބެލެހެއްޓުމުގެ ކަންކަން "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"އާ ހަވާލު ނުކުރައްވާނެ ކަމަށާއި، އެ ކުންފުނިން ކުރާނީ، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރާ ވިޔަފާރީގެ މަސައްކަތްތައް ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ ޝަރީޢާގެ ދާއިރާގެ ތެރެއިން، ވަޤުފްގެ ކަންކަން ޒަމާނީ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހެއެވެ. މި އަމާޒަށް ވާޞިލުވުމަށް ސަރުކާރުން ފަށާފައިވާ ވަޤުފްގެ މަޝްރޫޢުތަކަކީ އެޅިފައިވާ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށާއި، މިކަމުގެ ފައިދާ އެ ޢިމާރާތްތައް ބިނާކުރެވޭ ރަށްރަށުގެ އިތުރުން، އެ އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ހަމައެކަނި ސަރުކާރުގެ ބަޖެޓަކުން ނުވާނެ. ފައިދާ ހޯދޭނެ ގޮތްތައް ހޯދަންޖެހޭ. އިސްލާމީ ހަޞާރަތުގެ ބިނާތައް ޙިމާޔަތްކުރަންޖެހޭ. އިސްލާމީ މަރުކަޒުތަކުގައި ވެސް ފިހާރައާއި ބުކްޝޮޕްތައް ހެދުން ފަދަ ސަޤާފަތް ރާއްޖެއަކު ނެތް. މިއީ އެހެން ޤައުމުތަކުގައި ވެސް ކުރާ ކަމެއް." 

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ސަބަބުން، އިސްލާމީ ކަންކަމަށް ހިނގާ ޚަރަދުތަކަށް ދިމާވެފައިވާ މިފަދަ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި މިއީ އިސްލާމީ ޚިދުމަތްތައް ފުޅާކުރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އުފައްދަވާފައެވެ. މިއީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ރައީސްގެ ޚާއްސަ ޤަރާރަކުން އުފައްދަވާފައިވާ ކުންފުންޏެކެވެ.

ރައީސް މުޢިއްޒު މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދީނީ އެކި ކަންކަމަށް ހޭދަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމެވެ. އަދި ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިފަދަ ވަޤުފް މަޝްރޫޢުތައް ފުޅާކުރުމަށްވެސް ކުންފުނިން އިސްކަންދޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450