Ads by Farudhun

ޚަބަރު

ސިނަމާލެ ބްރިޖުގެ މެއިންޓެނެސްއާ ގުޅޭ ތަމްރީނަކަށް ވުޒާރާގެ ޓީމެއް ޗައިނާއަށް

ސިނަމާލެ ބްރިޖުގެ މެއިންޓެނެސްއާ ގުޅޭ ތަމްރީނަކަށް ވުޒާރާގެ ޓީމެއް ޗައިނާއަށް

ވުޒާރާގެ ޓީމު ޗައިނާ ސަފީރާއެކު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ސެޕްޓެމްބަރު 2026، 08:59

14 ސެޕްޓެމްބަރު 2026، 08:59

ސިނަމާލެ ބްރިޖުގެ މަރާމާތާއި ބެލެހެއްޓުމުގެ މަސައްކަތްތަކަށް ދިވެހިން އަހުލުވެރިކުރުވުމަށްޓަކައި ހިންގާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ޓީމެއް ޗައިނާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.

ސިނަމާލެ ބްރިޖުގެ ޙާލަތު ދެނެގަތުމާއި، މަރާމާތުގެ ކަންކަން ކުރިއަށްގެންދިއުމުގައި މިހާރު ވެސް އެއްބާރުލުން ދެމުންދަނީ އެ މަޝްރޫޢު ހިންގި  ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނިންނެވެ. އެ ކުންފުނީގެ އެހީތެރިކަމާއެކު ދިވެހި ފަންނީ މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

މިފަހަރުގެ ތަމްރީނު ޕްރޮގްރާމަކީ މި ހިނގާ މަހުގެ 15 އިން 26 އަށް ޗައިނާގައި ކުރިއަށްގެންދާ 10 ދުވަހުގެ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ބައިވެރިވަނީ 5 މެންބަރުންގެ ޓީމެކެވެ. މި ވަފުދު ޗައިނާއަށް ފުރުމުގެ ކުރިން ވަނީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިއަންހުއާ ބައްދަލުކުރައްވައި ވާހަކަދައްކަވާފައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ބްރިޖު ބެލެހެއްޓުމާއި މަރާމާތުގެ އަމަލީ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި ތަމްރީނު ފޯރުކޮށްދިނުމެވެ.

ބްރިޖުގެ މެއިންޓެނެންސް ދާއިރާއިން ޗައިނާއިން ވެދެމުންދާ އެހީތެރިކަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ހާމަކޮށްދޭ މުހިންމު ހެއްކެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.



ފާއިތުވި ހަފްތާ ތެރޭގައި ސިނަމާލެ ބްރިޖުގައި ދެ ބޯޓެއް ޖެހިގެން ހިނގި ހާދިސާގައި، ބްރިޖުގެ ބޭރުން ކުދިކުދި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ބްރިޖުގެ ރައްކާތެރިކަން ދެނެގަތުމަށް ޓަކައި ހެދި އިންސްޕެކްޝަން މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ ކުންފުނީގެ އެހީތެރިކަމާއެކުގައެވެ. އަދި މި ބެލުމުން، ބްރިޖުގެ މައިގަނޑު އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ވަނީ ޔަޤީންކުރެވިފައެވެ.

ސިނަމާލެ ބުރިޖު ރަސްމީކޮށް އާންމުންނަށް ހުޅުވައިލީ 30 އޮގަސްޓް 2018 ގައެވެ. މި ބުރިޖު ބިނާކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދާކުރައްވަމުން ގެންދެވީ ހައުސިންގ މިނިސްޓަރުކަމުގެ މަޤާމެވެ.

މި ބުރިޖުގެ ދިގުމިނަކީ 1.38 ކިލޯމީޓަރެވެ. އަދި 20.3 މީޓަރުގެ ފުޅާމިން ހުންނަ މި ބުރިޖުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ ދެ ލޭނާއި، ސައިކަލުތަކަށް ވަކި ލޭނެއް ހިމެނެއެވެ. ސިނަމާލެ ބުރިޖަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެ ބޮޑެތި އުމްރާނީ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ. ވެރިރަށް މާލެއާއި، ވައިގެ ބަނދަރު އޮންނަ ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅުވައިލަދިން މި ބުރިޖަކީ، އިންޖިނިއަރިންގ އަދި ތަރައްޤީގެ ރޮނގުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ މުހިންމު އެއް މަޝްރޫޢެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450