ޚަބަރު
މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ކުޑަހުވަދުއަށް ބުރާސްފަތި ދުވަހު ފަށަނީ
މޯލްޑިވިއަންގެ ފްލައިޓެއް ފޮޓޯ: މޯލްޑިވިއަން
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ ގޮތުން މާލެއާއި ދ. ކުޑަހުވަދޫއާ ދެމެދު ޝެޑިއުލް ދަތުރުތައް މި ހަފްތާގެ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.
ކޮންމެ ދުވަހަކު ވެސް ކުޑަހުވަދުއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދަތުރުތައް ފެށުމާ ގުޅިގެން ޚާއްޞަ ޕްރޮމޯޝަނަލް އަގެއްގެ ގޮތުގައި ޓިކެޓެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 1،111 ރުފިޔާއަށް ކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. ކުޑަހުވަދޫއަށް ފަށާ މި ދަތުރުތަކާއެކު، މޯލްޑިވިއަންގެ ދަތުރުތައް ކުރިއަށްގެންދާ އެތެރޭގެ ވައިގެ ބަނދަރުތަކުގެ އަދަދު 18 އަށް އަރާނެއެވެ. މިއީ އެ އެއާލައިންގެ ޚިދުމަތްތައް ފުޅާވެ، މުޅި ރާއްޖެއަށް އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
މި ދަތުރުތައް ފެށުމާއެކު ދ. އަތޮޅުގެ ރައްޔިތުންނަށް ބޭސްފަރުވާއާއި، ކިޔެވުމާއި، ވިޔަފާރީގެ އިތުރުން ވަޒީފާގެ އެކި ބޭނުންތަކަށް ވެރިރަށް މާލެއަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް މޯލްޑިވިއަނުން ޤަބޫލުކުރެއެވެ. އަދި މީގެއިތުރުން އެ އަތޮޅުގައި ފުޅާވަމުން އަންނަ ޓޫރިޒަމްގެ ދާއިރާއަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް މިކަމުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.
މި ދަތުރުތަކަށް ބޭނުންވާ ޓިކެޓު ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓް ވިއްކާ އޮފީސްތަކާއި އޭޖެންޓުން މެދުވެރިކޮށް ގަންނަން ލިބޭނެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 ބޯޓު އޮންނައިރު، އެ އެއާލައިނުން އަންނަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކަށް ބައިނަލްއަޤްވާމީ ދަތުރުތައް ވެސް ކުރަމުންނެވެ.
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރަމުންދާއިރު، އެ އެއާލައިންގެ މައިގަނޑު މަޤްޞަދަކީ އެކި ރަށްތައް އެއްވިއުގައަކުން ގުޅާލައި، ސަރަޙައްދީ ތަރައްޤީއަށް އެހީތެރިވެ، މުޅި ރާއްޖެއަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.
Daily flights to Kudahuvadhoo are taking off from 17 September 2026. ✈️
— MaldivianAero (@MaldivianAero) September 13, 2026
Fly with us and enjoy greater connectivity between Malé and Kudahuvadhoo.
Book now at https://t.co/lwp36CDvvE.#MaldivianAero #Kudahuvadhoo #Maldives pic.twitter.com/vX4tRened0