ޚަބަރު
ހިތަދޫ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު ޢިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އާރު.އީ.އޯ.ސީ) ގެ މަސައްކަތް ބާރަށް ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ފުރާޅު ލެވެލްގެ ސްލެބް އަދި ބީމްތަކުގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިންމާލެވިފައި ކަމަށެވެ. އަދި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ރޭމްޕްގެ ޝަޓަރިންގ އަދި ރީއިންފޯސްމަންޓްގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
Project Update: Construction of Regional Emergency Operation Center at S. Hithadhoo
— MTCC Plc (@MTCCPlc) September 14, 2026
Roof level slab and beams concrete work has been completed. Ramp Shuttering & reinforcement works are currently ongoing at the project site.
Follow more updates at: https://t.co/RjAFCf3rnI… pic.twitter.com/qUVFKC92g4
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެމްބަރު މަހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. މިއީ އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ޤުދުރަތީ އަދި އެނޫން ވެސް އެކި ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން، ރައްޔިތުންނަށް އަވަސްކަމާއި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި މި މަޝްރުއު ކުރިއަށްގެންދެވޭއިރު، ޖެނުވަރީ މަހު އެމްޓީސީސީއިން ވަނީ، މި މަސައްކަތް އޮގަސްޓުމަހަށް ނިމޭނެކަމަށް ބުނެފައެވެ.
ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ސެންޓަރުގައި، މީޓިން ރޫމަކާއި ކޭޓްރިންގެ ޚިދުމަތާއި ގުދަންތަކާއި ގެދަރިން ހޯލްތައް ހެދިގެންދާނެއެވެ. އަދި މީގެ އިތުރުން ވެސް ބޭނުންވާނެ އެހެން ވަސީލައްތައް މިތަނުގައި ގާއިމުވާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.
ޤުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެންޓަރުތައް ހަދަމުން އަންނައިރު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ، 'ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް' (ޑާލާ) ޕޯޓަލް ތައާރަފުކޮށްފައެވެ. މިއީ ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލްކުރުމުގެ ގޮތުން އުފެއްދެވި ޕޯޓަލްއެކެވެ.