ދުނިޔެ
ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ސޫރިޔާގެ އެކި ސިޓީތަކުގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފި
ސީރިޔާގައި މުޒާހަރާކުރުން.
ސޫރިޔާގެ ސަރުކާރުން ތެލުގެ އަގު އިންތިހާއަށް ބޮޑުކުރުމާ ގުޅިގެން އެ ޤައުމުގެ އެކި ސިޓީތަކުގައި އާންމުން ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.
މި މުޒާހަރާތަކުގެ ބައިވެރިން ވަނީ މައި ހައިވޭއެއް ބަންދުކޮށް، މަގުތަކުގައި ޓަޔަރު އަންދައި އަޑުއުފުލާފައެވެ.
ސޫރިޔާގެ ސަރުކާރުން އާދީއްތަ ދުވަހު ނިންމި ނިންމުމާއެކު، ޑީސަލުގެ އަގު 40 އިންސައްތައަށް އަދި ޕެޓްރޯލުގެ އަގު 28 އިންސައްތައަށް ވަނީ އުފުލިފައެވެ. ސަރުކާރުން ބުނެފައިވަނީ މިއީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ހޯދުމުގެ އަގު އުފުލުމާ ގުޅިގެން ގެނައި ވަގުތީ ބަދަލެއް ކަމަށެވެ. މީގެ އިތުރުން މުހިންމު ތެޔޮ ސާފުކުރާ މަރުކަޒެއް ކަމަށްވާ ބަނިޔާސް ރިފައިނަރީ މަރާމާތުކޮށް، އޭގެ އުފެއްދުންތެރިކަން ދުވާލަކު 80،000 ފީފާއިން 130،000 ފީފާއަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށްވެސް ބުނެފައިވެއެވެ.
ހަމާ، ޚާން ޝައިޚޫން އަދި މަޢައްރަތުލް ނުޢުމާން ފަދަ ސިޓީތަކުގައި ބޭއްވި މި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް އެއްވެ ނުރުހުން ފާޅުކޮށްފައިވާއިރު، ސޯޝަލް މީޑިއާގައިވެސް މިކަމާ ގުޅިގެން ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ.
ސޫރިޔާގެ އެނާޖީ މިނިސްޓަރު މުޙައްމަދު އަލް-ބަޝީރު ވިދާޅުވި ގޮތުގައި، އެ ޤައުމުގައި މިހާރު ދުވާލަކު އުފައްދަނީ 102،000 ފީފާގެ ތެލެވެ. ނަމަވެސް އެތެރޭގެ ބޭނުންތަކަށް ދުވާލަކު 325،000 ފީފާ ބޭނުންވާތީ، ބާކީ ބައި ފޫބައްދަނީ އެތެރެކުރާ ތެލުންނެވެ. ދައުލަތުގެ ނިއުސް އެޖެންސީ (ސަނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު އަގުތައް މުރާޖަޢާ ކުރަމުންދާނެ ކަމަށާއި، ދުރު ރާސްތާގައި ތެޔޮ ރައްކާކުރުމާއި ސާފުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެނާޖީ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
14 އަހަރުގެ ހަނގުރާމައަށްފަހު އިޤްތިޞާދު އަލުން އާރާސްތުކުރުމަށް ސޫރިޔާއިން ކުރަމުންދާ މަސައްކަތުގައި، ތެލުގެ ސަޕްލައި ކަށަވަރުވުމަކީ އެ ޤައުމަށް ނުހަނު މުހިންމު ކަމެކެވެ.