ޚަބަރު
ރައީސްގެ ޕޮލިސީ ސެކްރެޓަރީގެ މަޤާމުން ނާޒިމް އިސްތިއުފާ ދެއްވައިފި
އަބްދުﷲ ނާޒިމް އިބްރާހިމް. ފޮޓޯ: ޞިއްޙީ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އަބްދުﷲ ނާޒިމް މަގާމުން އިސްތިއުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ތަރުޖަމާން ވިދާޅުވީ ނާޒިމްގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނު ރައީސް އޮފީހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ވަޒީރު ފެންވަރުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ނާޒިމް އައްޔަނުކުރެއްވީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ މި ސަރުކާރުގެ ހެލްތް މިނިސްޓަރުގެ މަގާމުގައެވެ.
ހެލްތް މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިންވެސް ނާޒިމް ވަނީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ. އަދި އޭނާ ހެލްތް މިނިސްޓަރުކަމުން ވަކިވެވަޑައިގެންނެވީ ސަރުކާރުގެ ކަންކަން ހަރުދަނާކުރުމަށް ކަމަށް ބުނެ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.