ދުނިޔެ

އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ތުރުކީވިލާތުގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފި

އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ތުރުކީވިލާތުގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފި

ތުރުކީވިލާތުގައި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ޖަމާޢަތްތަކުން ބޭއްވި އެއްވުމެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2026، 04:31

14 ސެޕްޓެމްބަރު 2026، 04:31

ތުރުކީވިލާތުގެ އެކި ކަންކޮޅުތަކުގައި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ޖަމާއަތްތަކަށް އަމާޒުކޮށް ފުލުހުން ބޮޑު އޮޕަރޭޝަންތަކެއް ހިންގައިފިއެވެ. މި ހާއްސަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އާދީއްތަ ދުވަހު އިސްތަންބޫލް، އަންކާރާ، އިޒްމީރް އަދި މަރްސިން ފަދަ ބޮޑެތި ސިޓީތަކުގައި ހުންނަ ކްލަބްތަކާއި، އޮފީސްތަކާއި އަދި އެކްޓިވިސްޓުންގެ ގެތަކަށް ފުލުހުން ވަދެ ވަނީ ފާސްކޮށްފައެވެ.

ދައުލަތުގެ ނިއުސް އެޖެންސީ އަނަދޯލޫއާ ހަވާލާދީ ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި މަދުވެގެން 63 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް ސޯޝަލް މީޑިއާގައި ވިދާޅުވީ، ކުޑަކުދިންނާއި، އާއިލީ ނިޒާމު އަދި އާންމު މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން 162 މީހަކާއި، 9 ޖަމިއްޔާއަކާއި އަދި 13 ވިޔަފާރިއަކާ ދެކޮޅަށް ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަން ހިންގުމުގެ ކުރިން އެފަދަ ބައެއް ޖަމާއަތްތަކުގެ ވެބްސައިޓްތައް ވެސް ވަނީ ބްލޮކްކޮށްފައެވެ.

ޖަސްޓިސް މިނިސްޓަރު އިތުރަށް ވިދާޅުވީ "މައި ފެމިލީ އިޒް ސޭފް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ އާއިލާއާއި އާބާދީ ރައްކާތެރިކުރުމުގެ ސިޔާސަތާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ގާނޫނުއަސާސީން ދައުލަތަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކުޑަކުދިންނާއި އާއިލާތަކަށް އަމާޒުކޮށް ހިންގާ އެއްވެސް ޣައިރުގާނޫނީ ހަރަކާތަކަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރާ ކާއޯސް ޖީއެލް ޖަމާއަތުން ބުނެފައިވަނީ، އެ ޖަމާއަތުގެ އޮފީސް ފާސްކޮށް، ގާތްގަނޑަކަށް 50 އެއްހާ މީހުން ހައްޔަރުކޮށް ނުވަތަ ސުވާލުކުރުމަށް ގެންގޮސްފައިވާ ކަމަށެވެ. އަންކާރާގެ ކަމާބެހޭ ފަރާތްތަކުން އެ ޖަމާއަތުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ކުޑަކުދިންނަށް ފެންނަ ގޮތަށް ބޭއަދަބީ ކަންކަން އިންޓަނެޓުގައި ޝާއިއުކުރުމެވެ.

މި އޮޕަރޭޝަނާ ގުޅިގެން ތުރުކީގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއިން ބުނެފައިވަނީ މިއީ ދައުލަތުން އިސްނަގައިގެން ހިންގާ ތަފާތުކުރުމެއް ކަމަށެވެ. އަދި ޔޫރަޕިއަން ޕާލަމެންޓުން ވެސް ވަނީ މި ފިޔަވަޅުތައް ކުށްވެރިކޮށްފައެވެ. ތުރުކީ ސަރުކާރުން ވަނީ 2015 ވަނަ އަހަރުން ފެށިގެން އިސްތަންބޫލްގައި ބާއްވާ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކުގެ ހިނގާލުންތައް މަނާކޮށް، އެފަދަ އެއްވުންތައް ރޫޅާލުމަށް ފިޔަވަޅު އަޅަން ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450