ދުނިޔެ
އުރުދުންގެ އަޤަބާ ސިނާޢީ ސަރަޙައްދުގައި އެމޯނިއާ ގޭސް ލީކުވެ 11 މީހަކު ޒަޚަމްވެއްޖެ
އަޤްބާގެ ކޮންޓެއިނަރ ޓާމިނަލް
އުރުދުންގެ ދެކުނުގައި އޮންނަ އަޤަބާގެ ސިނާއީ ކޮމްޕްލެކްސްއެއްގައި އެމޯނިއާ ގޭސް ލީކުވުމުގެ ސަބަބުން މަދުވެގެން 11 މީހަކު ޒަޚަމްވެއްޖެ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އެ ޤައުމުގެ ދައުލަތުގެ ޓީވީ ޗެނަލް، އަލްމަމްލަކާއިން ހޯމަ ދުވަހު ރިޕޯޓުކުރި ގޮތުގައި، ގޭސް ލީކުވި ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޤަބާގެ ދެކުނު ބަނދަރު ވަނީ ހުސްކޮށްފައެވެ.
އަޤަބާ ސްޕެޝަލް އިކޮނޮމިކް ޒޯން އޮތޯރިޓީގެ އެންވަޔަރަންމަންޓް އެންޑް ޕަބްލިކް ސޭފްޓީ ކޮމިޝަނަރު ނިޟާލް އަލް-އޫރާން ވިދާޅުވީ، ލީކުވި ގޭސް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އަނިޔާވި މީހުންނަށް ލިބިފައިވަނީ ކުދި އަދި މެދު މިންވަރުގެ އަނިޔާތައް ކަމަށެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރުގައި އޮންނަ ދެކުނު ސިނާޢީ ސަރަޙައްދުގައި ހުރި ބާ ޕަންޕެއް ނުވަތަ ޕްރެޝަރ އިކުއިޕްމަންޓެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ލީކުވެފައިވަނީ އެ އާލާތުގައި ޖަމާވެފައި ހުރި ކުޑަ މިންވަރެއްގެ އެމޯނިއާ ގޭސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަރާމާތުގެ މަސައްކަތަކީ ޖަޕާނުގެ ކުންފުންޏަކަށް ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށް ވިދާޅުވި ނަމަވެސް އެ ކުންފުނީގެ ނަން އަލް-އޫރާން ހާމަކުރައްވާފައެއް ނުވެއެވެ. އަދި ކަމާބެހޭ އިދާރާތަކުން އިތުރު އިންސްޕެކްޝަންތައް ހަދައި، އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށްފަހު މަސައްކަތްތެރިން އަނބުރާ މަސައްކަތުގެ މާޙައުލަށް ދިއުމުގެ ހުއްދަ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.