ޚަބަރު
ބާރަށާއި ތުރާކުނުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި
ބާރަށާއި ތުރާކުނުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތްތަކުގައި ސޮއިކުރުން / ފުޓުބޯޅަ: އެމްޓީސީސީ
ހއ. ބާރަށުގެ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށާއި، ހއ. ތުރާކުނު ފުޓުބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ހަވާލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ރަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު ހެދުމާއި، ބައުންޑަރީ ފާރު ރޭނުމުގެ އިތުރުން ފެންސު ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން ދަނޑުގައި ލައިޓިންގ ސިސްޓަމް ހަރުކޮށް، ޓާރފް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 13.64 މިލިއަން ރުފިޔާއަށް، 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ބާރަށާއި ތުރާކުނުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތްތަކުގައި ސޮއިކުރުން / ފުޓުބޯޅަ: އެމްޓީސީސީ
މީގެ އިތުރުން، ހއ. ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށު ދަނޑުގައި ލައިޓިންގ ސިސްޓަމް ހަރުކުރުމާއި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ތުރާކުނު ދަނޑުގެ މި މަސައްކަތަކީ 7.82 މިލިއަން ރުފިޔާއަށް 250 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ.
ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ސިޔާސަތެކެވެ.